ފ.މަގޫދޫގައި އިމާރާތްކުރަމުން އަންނަ އެއާޕޯޓުގެ ފަޔަރ ބިލްޑިންގގެ ބިއްލޫރިތައް ތަޅާލައި، އެތަނުގައި ހުޅުޖަން މަސައްކަތްތައް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު 07:47 ގައި ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާގައި، ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތަކަށް ގެއްލުން ދީފައިވާއިރު، އިމާރާތުގެ އެތެރޭގައި ހުޅުޖަހަން މަސައްކަތްތައްވެސް ކޮށްފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މިވަގުތު މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު އެއާޕޯޓު ސައިޓުގައި އެ ކުންފުނީގެ ވަސީލަތްތަކާއި މެޝިނަރީ ގިނަ އަދަދަކަށް ހުއްޓެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ 50 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ރަންވޭ އާއި ޓަރމިނަލްގެ މަސައްކަތުގެ ބޮޑުބައި ނިންމާލެވިފައިވާއިރު، އެއާޕޯޓުގެ އެހެނިހެން މަސައްކަތްތައް މިވަގުތުވެސް ސައިޓުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ މި އެއާޕޯޓަށްޓަކައި މަގޫދޫން 30 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފައެވެ. މި އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުފަތުރު ފަސޭހަކުރުމަށް ތަރައްގީކުރާ މުހިންމު މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ