ހުޅުމާލޭގައި ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެން މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:16 ގައި ހުޅުމާލެ 1 ގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ސައިކަލެއް ދުއްވަމުން ދިޔައިރުއެވެ.
ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާ މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދާއިރު، އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ހާދިސާ ހިންގި ސައިކަލު ދުއްވާފައިވަނީ ބަންގުލަދޭޝްގެ ފިރިހެނަކު ކަމަށާއި، އޭނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ. ހާދިސާގައި ބައިވެރިވި ސައިކަލު ފުލުހުން ޓޯކޮށްފައިވާ ކަމަށާއި، މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ