ގދ.ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި އާބާދީގެ މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ތަހުގީގު ފުރިހަމަކޮށް، ޖިނާއީ ދައުވާއެއް އުފުލިދާނެތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިޔެކިޔުންތައް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، ތިނަދޫ ކައުންސިލުން ސިޓީގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ފޮނުވި އާބާދީގެ މައުލޫމާތުގައި ތަފާތުތަކެއް ހުރި ކަމަށް ބެލެވޭތީ، އެކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގާފައިވެއެވެ. ތަހުގީގުގައި ދައުލަތުގެ އެކި އިދާރާތަކުން މައުލޫމާތު ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުން، ތިނަދޫ ސިޓީއަކަށް ހަދަން ފޮނުވި އާބާދީގެ ލިސްޓު ތިން ފަހަރު މަތިން ތަފާތު ކޮށްފައިވާއިރު، 2000 އަށްވުރެ ގިނަ މީހުން އިތުރުކޮށް ލިސްޓު އޮޅުވާލާފައި ހުރިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ގދ.ގައްދޫ އާއި ތިނަދޫގެ ގިނަ ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ފަދަ އިދާރާތަކުން ވެސް މައުލޫމާތު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުންނާއި އިދާރީ މުވައްޒަފުން ފުލުހުންނަށް ދީފައިވާ ބަޔާންތަކުގައި، އާބާދީ އޮޅުވާލާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މި ބަޔާންތަކާއި ލިޔެކިޔުންތަކުން، މަކަރާއި ހީލަތުން އާބާދީ އޮޅުވާލައި ގާނޫނާއި ގަވައިދާ ޚިލާފުވެފައިވާކަން ސާބިތުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެވެއެވެ.
މީގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީން ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ 19 މައްސަލައެއް ބެލުމަށްފަހު، މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވެއެވެ. އަދި ބައެއް ކައުންސިލަރުންނަށް ވެސް ފިޔަވަޅު އަޅާފައިވާއިރު، މޭޔަރު ސައުދު އަލީ އާ ގުޅޭ ކަރަޕްޝަންގެ މައްސަލަތަކެއް އެންޓި ކަރަޕްޝަން ކޮމިޝަނުން ވެސް ބަލަމުންދެއެވެ.
ތިނަދޫއަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބިފައި ނުވަނިކޮށް، މޭޔަރާއި ކައުންސިލް މެންބަރުންގެ މުސާރަ ނަގާފައިވާ މައްސަލައިގައި، އެލްޖީއޭއިން އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލާގައި ދައުވާ ކުރެވޭ ފަރާތްތަކާއި އުފުލޭ ދައުވާތައް ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ