އދ. އިންސާނީ ހައްގުތަކާބެހޭ މާހިރު އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އދ. އިންސާނީ ހައްގުތަކާބެހޭ މާހިރު އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Author
ހުސައިން
12 ޖުލައި 2025 10:27
0

އިޒްރޭލުން ފަލަސްތީނުގައި ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގައި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ދައުރު ފާހަގަކުރި ރިޕޯޓެއް ތައްޔާރުކުރުމާ ގުޅިގެން އދ.ގެ ސްޕެޝަލް ރެޕޯޓާ ފްރާންސެސްކާ އަލްބަނީޒްގެ މައްޗަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

"އޮކިއުޕޭޝަން އިގްތިސާދުން ޖެނޮސައިޑްގެ އިގްތިސާދަށް" މި ނަމުގައި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ނެރުނު ރިޕޯޓުގައި ވަނީ، ފާއިތުވި 75 އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި، އެތަންތަނަށް ބާރުފޯރުވުމުގައި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ބައިވެރިވުން ތަފްސީލުކޮށް ހާމަކޮށްފައެވެ.

1967 އިން ފެށިގެން އިޒްރޭލުން ބާރުފޯރުވާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން ދިރާސާކުރާ އަލްބަނީޒް ތައްޔާރުކުރި މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ގިނަ ބައިނަލްއަގްވާމީ ކުންފުނިތަކުން އިޒްރޭލްގެ ޣައިރު ގާނޫނީ އޮކިއުޕޭޝަނާއި އެޕާތައިޑް ނިޒާމުން މާލީ ފައިދާ ހޯދަމުންދާކަމެވެ. ހާއްސަކޮށް ފާއިތުވި ދެ އަހަރު ދުވަހު ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުން ވެސް މި ކުންފުނިތަކަށް ފައިދާވަމުންދާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތައް ކަމަށްވާ ބްލެކް ރޮކް އަދި ވެންގާޑް ހިމެނެއެވެ. މި ކުންފުނިތަކުން އިޒްރޭލާ ގުޅުން ބާއްވާ އެހެން ކުންފުނިތަކަށް އިންވެސްޓުކޮށް، ހިއްސާދާރުންގެ ގޮތުގައި އެ ގުޅުންތައް ދެމެހެއްޓުމަށް ބާރުއަޅަމުންދާކަމަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.

އިޒްރޭލުގެ ހަމަލާތައް ކުރިއަށްދާ ކޮންމެ ދުވަހަކުން މި ކުންފުނިތަކަށް ސަތޭކަ މިލިއަން ޑޮލަރުން ފައިދާވާކަމަށާއި، ޓެކްނޮލޮޖީ އަދި އަސްކަރީ ކުންފުނިތަކުން އާ ހަތިޔާރުތައް ޓެސްޓުކުރުމަށް ގާޒާ ބޭނުންކުރަމުންދާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގާޒާއިން ފަލަސްތީނު ރައްޔިތުން ބަދަލުކުރުމާ ބެހޭގޮތުން މިއަހަރުގެ ކުރީކޮޅު ދެއްކެވި ވާހަކަތަކަށް އަލްބަނީޒް ހަރުކަށި ބަހުން ފާޑުކިޔުއްވުމަކީ އެމެރިކާއިން މި ފިޔަވަޅު އެޅުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ބެލެވެއެވެ.

އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަލްބަނީޒް ވިދާޅުވީ އެމެރިކާގެ މި ފިޔަވަޅަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫންކަމަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އދ. އިން ވެސް އެމެރިކާގެ މި ނިންމުން ވަނީ ނުރައްކާތެރި ފެށުމެއްކަމަށް ބުނެ ކުށްވެރިކޮށްފައެވެ.

އިޒްރޭލުން މި ރިޕޯޓަށް ނުރުހުން ފާޅުކޮށްފައިވާ އިރު، ރިޕޯޓުގައި ނަން ހިމެނޭ ބައެއް ކުންފުނިތަކުން ވެސް ވަނީ ޝަކުވާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.