މާމެންދޫ އައިސް ޕްލާންޓު މައްސަލައިގައި ފެނަކަ ސައީދަށް ދައުވާކޮށްފި

މާމެންދޫ އައިސް ޕްލާންޓު މައްސަލައިގައި ފެނަކަ ސައީދަށް ދައުވާކޮށްފި

Author
ހުސައިން
11 ޖުލައި 2025 11:03
0

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ހިންގި އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް، ސައީދާއި ފެނަކައިގެ ކުރީގެ އެކައުންޓަންޓު މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކުރަން މިދިޔަ އޭޕްރީލް 23 ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުން، މެއި މަހު ނުނިމެނީސް ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ. މި ކުށް ސާބިތުވެއްޖެނަމް އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އޭސީސީން ހާމަކުރާ ގޮތުގައި، މި އައިސް ޕްލާންޓު ގަތުމަކީ ފެނަކައަށް ގެއްލުންވާނެ ޕްރޮޖެކްޓެއްކަން އެނގިހުރެ، ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީގެން ހިންގި މުއާމަލާތެކެވެ. ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ދަށުން މާމެންދޫގައި ފެނަކައާ ހަވާލުކޮށްގެން އައިސްޕްލާންޓެއް އަޅަން އުޅޭކަން އެނގިހުރެ، ސައީދު ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތު ދިންކަމަށް ތުހުމަތުކުރެއެވެ.

ފެނަކައިން މި އައިސް ޕްލާންޓު ގަތީ 11.2 މިލިއަން ރުފިޔާއަށް ކަމަށާއި، މިއީ އައިސްޕްލާންޓަކަށް އާދަޔާ ހިލާފު ބޮޑު އަގެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އައިސް ޕްލާންޓުގެ ވެލުއޭޝަން ހެދީ މި މައްސަލައިގައި ހިމެނޭ އެކައުންޓަންޓު މަސްއޫދު ކަމަށާއި، ސައީދު ވަނީ މި އަގުގައި އައިސްޕްލާންޓު ގަންނަން ކުންފުންޏާއެކު ސޮއިކޮށްފައިކަމަށް ބުނެފައިވެއެވެ.

އޭސީސީން ބުނާ ގޮތުގައި، ސައީދާ ގުޅޭ އެހެން މައްސަލަތަކެއް ވެސް ދައުވާކުރަން ފޮނުވާފައިވާ އިރު، އޭނާއާ ގުޅޭ ބޮޑު ހަ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް ސައީދު ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.