ތިނަދޫގައި ހިނގި ޓްރެފިކް އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

ތިނަދޫގައި ހިނގި ޓްރެފިކް އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

Author
ހުސައިން
10 ޖުލައި 2025 04:32
0

ގދ. ތިނަދޫގައި މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ހިނގި ޓްރެފިކް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 31 އަހަރުގެ ދިވެހި އަންހެން މީހާ މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން އައި އަންހެން މީހާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ފުރަތަމަ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެވުނެވެ. އޭގެ ފަހުން އިމަޖަންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދިޔައެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަނެއް ޖެހުމުގެ ސަބަބުން އޭނާގެ ހާލަތު ވަރަށް ނާޒުކުވެ، އައިސިޔޫގައި ފަރުވާ ދެމުން ގެންދިޔައެވެ. ނަމަވެސް މިއަދު އޭނާ ވަނީ ނިޔާވެފައެވެ.

ނިޔާވި އަންހެން މީހާގެ 9 އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. ކަށުނަމާދު ޕޭޖުގައި ޝާއިޢުކޮށްފައިވާ ގޮތުން، މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޭނާގެ ކަށުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެކްސިޑެންޓުވި ކާރު ދުއްވި މީހާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މައްސަލައިގެ އިތުރު ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.