ފަލަސްތީނުގެ ބިމުން އެގައުމުގެ ރައްޔިތުން ބޭރުކުރުމުގެ އެއްވެސް ޕްލޭނެއް ކާމިޔާބެއް ނުވާނެ: ނަޝީދު

ފަލަސްތީނުގެ ބިމުން އެގައުމުގެ ރައްޔިތުން ބޭރުކުރުމުގެ އެއްވެސް ޕްލޭނެއް ކާމިޔާބެއް ނުވާނެ: ނަޝީދު

Author
ހުސައިން
09 ޖުލައި 2025 09:26
0

ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެ ގައުމުގެ ރައްޔިތުން ބޭރުކުރުމަށް ރާވާ އެއްވެސް ޕްލޭނެއް ކާމިޔާބެއް ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގައި ކުރިއަށް ގެންދާ ގަތުލުއާންމު ވަގުތުން ހުއްޓުވައި، ސުލްހައިގެ މަގަށް ދާންޖެހޭ ކަމަށެވެ. އަދި ހަމަހަމަކަމާއި ދެމެހެއްޓެނިވި ހައްލެއް ގެނައުމަކީ ކޮންމެ މީހަކަށްވެސް ކަރާމާތާއި ހައްގުތަކާއި ސުލްހަމަސަލަސްކަން ލިބިދޭނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު އިސްރާއީލާއި ހަމާސްގެ ހަނގުރާމަ މިހާރުވެސް ދަނީ ކުރިއަށެވެ. ކޮންމެ ދުވަހަކުވެސް އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދުކުރަމުން ގެންދާއިރު، މީގެ ތެރޭގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދެއް ހިމެނެއެވެ.

ބައިނަލްއަގްވާމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ހުޅަނގު އައްސޭރީން އެކަނި 4000 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ހައްޔަރު ކޮށްފައިވެއެވެ. އަދި މި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60،000 އާ ގާތްކުރާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީ އާއި ފަލަސްތީނުގެ ގައިދީންނާ ބެހޭ އިންސްޓިޓިއުޝަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިވަގުތު އިސްރާއީލުގެ ޖަލުތަކުގައި 10،800 ފަލަސްތީނު މީހުން ބަންދުކޮށްފައި ތިބެއެވެ. މި އަދަދުގެ ތެރޭގައި 450 އަށް ވުރެ ގިނަ ކުޑަކުދިންނާއި، 50 އަންހެނުން ހިމެނޭ އިރު، އެއްވެސް ދައުވާއެއް ނުކޮށް ބަންދުކޮށްފައި ތިބި 3،629 މީހުން ވެސް ހިމެނެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2000 ވަނަ އަހަރަށް ފަހު އިސްރާއީލުން ފަލަސްތީނު މީހުން އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ މި އަހަރުގައެވެ. މި ހާލަތާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުން ދާއިރު، އިސްރާއީލުން އަދިވެސް ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.