ގުޅިފަޅު ގޯތީގެ އެއްބަސްވުމާއި ގުޅޭގޮތުން އުފެދިފައިވާ ގާނޫނީ މައްސަލަ ހައްލުކުރން ބަންޑާރަ ނައިބާ މަޝްވަރާކުރަނީ

ގުޅިފަޅު ގޯތީގެ އެއްބަސްވުމާއި ގުޅޭގޮތުން އުފެދިފައިވާ ގާނޫނީ މައްސަލަ ހައްލުކުރން ބަންޑާރަ ނައިބާ މަޝްވަރާކުރަނީ

Author
ހުސައިން
09 ޖުލައި 2025 08:48
0

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ނިންމައިފިއެވެ.

މިހާރުގެ ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން، އެ ރަށުން ދޫކުރާ ގޯތިތަކުގެ ސަރަހައްދުތައް ބަދަލުވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މި ސަބަބާހުރެ ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާޠިލުކޮށް، އައު ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލި ނަމަވެސް، ގޯތި ލިބުނު ބައެއް ފަރާތްތަކުން އައު އެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅު ހަދާފައިވެއެވެ.

މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކޮށްފައިވިޔަސް، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ޕްލޮޓުތަކުގެ ސަރަހައްދު ބަދަލުވެފައިވާކަމަށެވެ. މި ބަދަލުތަކާ ގުޅިގެން، ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އައު ޕްލޮޓުތައް ކަނޑައަޅާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، އައު އެއްބަސްވުން ދިރާސާކުރިއިރު ރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނިފައިވާކަން ފާހަގަކުރެވިފައިވެއެވެ. ބިމާބެހޭ ގާނޫނުގައި ބުނާގޮތުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ މީހަކު ލިބިފައިވާ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް ނުވަތަ ސަރުކާރުގެ ފްލެޓެއް ދޫކޮށްލުމުންނެވެ.

އެކަމަކު ބިންވެރިޔާ ސްކީމްގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް ދޫކޮށްލުމަށެވެ. މިއީ ގާނޫނުގައި ބުނާ ޝަރުތުތަކާ ތަފާތު ކަމެކެވެ.

ހުޅުމާލޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގިނަ ގޯތިތަކުގައި މިހާރު ވަނީ ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންކަމުން، ގުޅިފަޅުގެ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް މިނިސްޓްރީން ދެކެއެވެ.

މިނިސްޓްރީން ވިދާޅުވީ، މޭ 30 ގައި ކުރިއަށްގެންދެވުނު ގުރުއަތުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަވަހަށް ގޯތި ހަވާލުކުރުމަށްޓަކައި، ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތް ތަން ބަޔާންކުރާ މާއްދާ އިސްލާހުކޮށް، އައު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާކަމަށެވެ.

މި މައްސަލައިގެ ޖުމްލަ ހައްލެއް ހޯދުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކޮށް، ގާނޫނީ ފުށުއެރުންތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.