ހިޖާމާ ޖަހައިގެން ބަރުދަން ލުއިކުރާ ކަމަށް ބުނާ ކްލިނިކެއްގެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަނީ

ހިޖާމާ ޖަހައިގެން ބަރުދަން ލުއިކުރާ ކަމަށް ބުނާ ކްލިނިކެއްގެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަނީ

Author
ހުސައިން
09 ޖުލައި 2025 08:44
0

ފަޒީސް ހިޖާމާ ކްލިނިކުން ހިޖާމާ ޖަހައިގެން ބަރުދަން ލުއިކުރެވޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތަކާ ގުޅިގެން، ހެލްތު މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ. މި ކްލިނިކުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެންމެ ހިޖާމާ ސެޝަނަކުން ތިން ހަތަރު ކިލޯ ބަރުދަން ލުއިކުރެވޭނެ ކަމަށާއި، ކަސްރަތު ނުކޮށް ނުވަތަ ޑައިޓު ނުކޮށް ވެސް މިކަން ކުރެވޭނެ ކަމަށެވެ.

މި ކްލިނިކް ހިންގާ ފަޒީލާ އުސްމާން ބުނި ގޮތުގައި، މި ޚިދުމަތަކީ މަހަކު އެއް ފަހަރު ލިބިގަންނަންޖެހޭ ޚިދުމަތެއް ކަމަށާއި، އެންމެ ކިލޯއެއް ވެސް ލުއި ނުވެއްޖެނަމަ ދެއްކި ފައިސާގެ އިތުރުން 1،000 ރުފިޔާ ދޭނެ ކަމަށެވެ. އޭނާ ވަނީ ހިޖާމާގެ ފަރުވާއަކީ ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި، ހަގީގަތުގައި ވެސް އޭގެ ޒަރީޢާއިން ބަރުދަން ލުއިކުރެވޭނެކަމަށް ބުނެފައެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީން ބުނީ މިއީ ސިއްޙަތާ ގުޅޭ ކަމަކަށްވާއިރު، ޒިންމާދާރުކަން ކުޑަ ގޮތަކަށް މިފަދަ ވާހަކަތައް ފަތުރަމުންދާތީ، މި މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީން އިތުރު ތަފްސީލެއް ވަނީ ހާމަނުކޮށެވެ.

ފަޒީލާ އުސްމާން ފޭސްބުކްގައި ލިޔެފައިވަނީ، "އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އޮޅުވާލުމެއް މަކަރު ހެދުމެއް ނެތި ދޭ ޚިދުމަތެކޭ މީ ގަބޫލު ކުރާ ފެންވަރަށް ހެކި ދެން ހިއްސާ ކުރެވޭނީ މީހަކަށް މިވަރަށް" ކަމަށެވެ. އަދި ބުރަ މަސައްކަތުން މީހަކު މިކަން ކާމިޔާބު ކުރީމާ، އެކަން ގަބޫލު ނުކުރުމަކީ އީމާންކަން ބަލިކަށިވެފައިވުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ ފަޒީސް ހިޖާމާ ކްލިނިކަށް ކުރިމަތިވާ ފުރަތަމަ މައްސަލައެއް ނޫނެވެ. މީގެ ކުރިން ހުއްދަ ނެތި، ރަޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަމުންދިޔަތީ، މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުން މެދުވެރިކޮށް އެތަން ހުއްޓުވާފައިވެ އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ކްލިނިކަށް ހުއްދަ ލިބިފައިވާ ކަމަށް ރިޕޯޓުތަކުން އެނގެ އެވެ.

ޑޮކްޓަރީ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން އެކި ބަލިތަކަށް ފަރުވާ ހޯދޭނެ ކަމަށް ބުނެ ފަޒީލާ ކުރާ ޕޯސްޓުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ސިއްޙީ ޚިދުމަތްތަކާ ގުޅޭ މިފަދަ ދަޢުވާތަކާމެދު ފަންނީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.