އޭވިއޭޝަން ސެކިއުރިޓީ ދާއިރާގައި ހުއްދަނެތި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މި އިންޒާރު ދީފައިވަނީ އިއްޔެ އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއް މެދުވެރިކޮށެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީންދޭ އެންމެހައި މަރުކަޒުތަކާއި، ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަކީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އެހެންނަމަވެސް، މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މި ހުއްދަ ނުހޯދައި މުވައްޒަފުންނަށް ތަމްރީން ދެމުން ގެންދާކަން ފާހަގަކުރެވިފައިވެއެވެ.
މިނިސްޓްރީން ސާފުކޮށްދީފައިވަނީ، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ހިންގާ ތަމްރީން ޕްރޮގްރާމްތަކުން ދޫކުރާ ސެޓްފިކެޓްތައް އެއްވެސް ހާލެއްގައި ގަބޫލެއް ނުކުރާނެކަމެވެ. މިއީ އޭވިއޭޝަން ސެކިއުރިޓީގެ ފެންވަރު ހިފެހެއްޓުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަމްރީންތައް ދިނުން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
ރާއްޖޭގެ އެކި ކޮލެޖްތަކުންނާއި ތަމްރީން މަރުކަޒުތަކުން އޭވިއޭޝަން ދާއިރާގެ ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ނަމަވެސް، ހުއްދަނެތި މިފަދަ ކޯސްތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަންތައް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި ދާއިރާގައި ތަމްރީން ހޯދަން ބޭނުންވާ ފަރާތްތަކުން، ކޯހެއް ހޮވާލުމުގެ ކުރިން އެ ތަމްރީން ދޭ ފަރާތަކީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ޔަޤީންކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ