ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

Author
ހުސައިން
07 ޖުލައި 2025 10:01
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ފާއިތުވި ދުވަސްތަކުގައި ހުށަހަޅުއްވާފައިވާ ބައެއް މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމުގެ ކުރިން، އެފަދަ ވޯޓުތަކާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފި އެވެ. މިގޮތުން "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު، މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މަޖިލީހުގެ ވެބްސައިޓުގައި މި ބިލު މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ހަތަރު މައިގަނޑު ކަމެއްގެ މައްޗަށް ނެގިދާނެއެވެ. ފުރަތަމަ ކަމަކީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ނަގާ ވޯޓެވެ. ދެވަނައަކީ ގައުމީ މުހިންމު މައްސަލައެއް ނިންމުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްޖެ ހިނދެއްގައި ނަގާ ވޯޓެވެ. ތިންވަނައަކީ ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނަގާ ވޯޓެވެ. ހަތަރުވަނަ ކަމަކީ މަޖިލީހުން ފާސްކުރާ ގާނޫނުއަސާސީގެ އިސްލާހެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ ހާލަތުގައި ނަގާ ވޯޓެވެ.

ބިލުގައި ކަނޑައަޅާފައިވާ ގޮތުގައި، މަޖިލީހުން ބޭނުންވެގެން ނަގާ ވޯޓުތައް ނަގާނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެގެން ނަގާ ވޯޓެއް ނަމަ، އެމަނިކުފާނުގެ ހާއްސަ ގަރާރަކުން އެކަން ނިންމެވިދާނެއެވެ. މި ދެ ގަރާރުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ މައްސަލައިގެ ފުރިހަމަ އިބާރާތާއި، އެކަމުގެ ސަބަބު، އަދި ވޯޓު ނެގުމަށް އެދޭ މުއްދަތު ހިމަނަންޖެހޭނެއެވެ.

މިފަދަ ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި އިންތިހާބު ބާއްވާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަސް އޮންނަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އިންތިހާބުގެ އެންމެހައި ކަންކަން ހިންގުމުގެ ޒިންމާ އޮންނާނީ އިލެކްޝަންސް ކޮމިޝަނަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރައީސް ނުވަތަ މަޖިލީހުގެ ގަރާރު ލިބޭތާ ފަސް ދުވަސް ތެރޭގައި ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލުގެ ފުރިހަމަ އިބާރާތް އާންމުކުރަންޖެހޭނެއެވެ. އަދި އެ ސުވާލު އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އިންތިހާބުގެ ތާރީހު އިއުލާންކުރަންޖެހޭނެއެވެ. ކޮންމެވެސް ސަބަބަކާހުރެ ހުށަހަޅާފައިވާ މުއްދަތުގައި ވޯޓު ނުނެގޭނަމަ، އެކަން ރައީސް ނުވަތަ މަޖިލީހަށް ލިޔުމުން އަންގައި، ދެން ވޯޓުލުން އޮންނާނެ ތާރީހެއް ބަޔާންކުރަންޖެހޭނެއެވެ.

ގަރާރު ފާސްކުރުމަށްފަހު އިންތިހާބުގެ ތާރީހު އިއުލާންކުރުމުގެ ކުރިން އެ ގަރާރު އަނބުރާ ގެންދެވިދާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އިންތިހާބުގެ ތާރީހު އިއުލާންކުރުމަށްފަހު ގަރާރު އަނބުރާ ނުގެންދެވޭނެއެވެ.

ރައީސް މުއިއްޒު ވަނީ ފާއިތުވި ދެ އަހަރު ތެރޭގައި އެކި ޖަލްސާތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ނިންމަން ޖެހޭ ބައެއް ކަންކަން ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި، ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ތައާރަފުކުރުމާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހު ބޭއްވުމާއި، ވެރިކަމުގެ ހުވާކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.