އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިންމު، މިއީ އަރަތެއްތަ؟

އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިންމު، މިއީ އަރަތެއްތަ؟

ގުޅުންހުރި

ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ކައުންސިލް އިންތިޚާބު ވީހާވެސް އަވަަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށްޓަކައި މިހާރު އޮތް ހުރަހަކީ ޤާނޫނީ ހުރަހެއް ކަމުގައިވާނަމަ އެކަން ހައްލުކޮށް، ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ވީހާވެސް އަވަހަކަށް ގެނެސް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވާއިރު، އެމަނިކުފާނަކީ ސުޕަ މެޖޯރިޓީގައި މިކަން ކުރެވުމުގެ ބާރު އޮތް ބޭފުޅާއެވެ. އަދި އިލެކްޝަން ކޮމިޝަނުން ބަނަމުންދާގޮތުން ޤާނޫނަށް އިސްލާހު ގެނައުމުގެ ވާހަކަ ނިމިދިޔަ އަހަރުގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ މަސައްކަތް ނިމުމުގެ ކުރިންވެސް މެމްބަރުންނާއި ދިޔައީ ހިއްސާ ކުރަމުންނެވެ. ނަމަވެސް އިންތިޚާބު ލަސްވާތީ ކަންބޮޑުވެ ވަޑައިގަންނަވާއިރު އިންތިޚާބު ބޭއްވުމަށް އޮތް ފުރުސަތު ބަންދު ކޮށްގެންތިބީވެސް ހަމަ މިބޭފުޅުންކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިންމު. މިކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ، އެކަންވެސް ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައިވާގޮތަށް މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 10 ވަނަ ފަހަރަށް އިތުރުކުމުން މާރިޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި އިނތިޚާބު ނުބޭއްވޭނެކަން މިވަނީ ޔަޤީންވެފައެވެ.

އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނީ މިހާރު އޮތް ކުއްލިނުރައްކަލުގެ ހާލަތު އުވާލައިފިނަމަ ކަމަށާއި، ނަމަވެސް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިއަދު އިތުރަށް ދިގުދަންމާލުމުން އެމުއްދަތުގައި ދެން އިންތިޚާބު ނުބޭއްވޭނަކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ރައީސް އަޙްމަދު ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އޮތް ހުރަހަކީ ހެލްތު އެމެޖެންސީ ކަމަށް ބުނެ ދައްކަމުންދާ ވާހަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ޤާނޫނު ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައިގެން އިންތިޚާބު ފަސްކުރަމުން ދިއުމަކީ ޤާނޫނޫ އަސާސީއާއި ޚިލާފަށް ހިންގޭ އަމަލެއް ކަމުގައެވެ.

މިހާރު އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންތިޚާބް ބޭއްވުމުގެ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށް ބުނެ އިލެކްޝަން ކޮމިޝަނާއި، ބައެއް ފަރާތްތަކުން އުފައްދާ ޤާނޫނީ ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ހެލްތް އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއްކަމަށެވެ.

ޤާނުނު އަސާސީގެ 255 ގެ (ނ) ގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ޙައްޤެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށް ކަމުގައެވެ.

ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ 2020ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ޤާނޫނުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްގެން އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނަމުންދާއިރު، މަޖިލިސްތެރެއިން މިކަން ކުރުމަށް އެއްވެސް ޝައުގު ވެރިކަމެއް ނެތެވެ. އިންތިޚާބު ފަސްވެ ދިގުލައިގެން ދާއިރު، ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ސުޕަ މެޖޯރިޓީން ފަސް ޖެހެނީ އިންތިޚާބު މި ދަނޑިވަޅުގައި ބާއްވައިފިނަމަ ސަރުކާރު ބޮޑުތަނުން ބަލިވެދާނެތީކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވަމުންދާއިރު، ޞިއްޚީ ކުއްލި ހާލަތުގައި ސްކޫލު ހުޅުވާއި، ކެފޭ ރެސްޓޯރެންޓު ހުޅުވުމާއި، ދަތުރުފަތުރު ކުރުން ފަދަ ކަންކަމަށް ލިބޭ ހުއްދައެއް އިންތިޚާބު ބޭއްވުމަށް ނުލިބެންވީ ސަބަބެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ