ތައިލެންޑުން ފަރުވާ ހޯދުމަށް 33 ދިވެހިންނަށް އާސަންދައިން އެހީ ފޯރުކޮށް ދީފި

ތައިލެންޑުން ފަރުވާ ހޯދުމަށް 33 ދިވެހިންނަށް އާސަންދައިން އެހީ ފޯރުކޮށް ދީފި

Author
ހުސައިން
06 ޖުލައި 2025 01:00
0

އާސަންދަ ސްކީމުގެ ދަށުން ތައިލެންޑުގެ ބެންކޮކުން ބޭސްފަރުވާ ހޯދުމަށް މިހާތަނަށް 33 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އާސަންދައިން ހާމަކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދުވަހު ނޫސް "މިހާރު"ން ކުރި ސުވާލުތަކަށް ޖަވާބުދެމުން އާސަންދައިން ބުނެފައިވަނީ، ޔޫއޭއީ އާއި ތައިލެންޑުން ފަރުވާ ހޯދުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް ބަލިމީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ތައިލެންޑުން ފަރުވާ ހޯދުމަށް ފޮނުވި 33 މީހުންގެ ފަރުވާއަށް 1.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދުވެފައިވާ ކަމަށް އާސަންދައިން ހާމަކުރި އެވެ. މި ވަގުތު ވެސް އޭގެ ތެރެއިން އެކަކު ބެންކޮކުގައި ފަރުވާ ހޯދަމުން ގެންދާ ކަމަށް ވެސް އާސަންދައިން ފާހަގަކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީގައި ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.

އާސަންދައިން ބުނި ގޮތުގައި ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަން ދެނީ އިންޑިއާ އާއި ސްރީލަންކާގައި ދިގު މުއްދަތަކަށް ފަރުވާ ކުރުމަށްފަހު ވެސް ޝިފާ ނުލިބި ތިބި ބަލިމީހުންނަށެވެ. އަދި ޔޫއޭއީ އަށް މި ވަގުތު ފޮނުވަމުން ގެންދަނީ ހަމައެކަނި ކިޑްނީ ބަދަލުކުރަން ޖެހިފައި ތިބި ބަލިމީހުން ކަމަށް ވެސް އާސަންދައިން ބުނި އެވެ.

ޔޫއޭއީގެ ހެލްތް ކައުންސިލުން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑުތަކުގެ ދަށުން، ފަސްޓް ޑިގްރީ ޑޯނަރު ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާނަމަ އާއިލީ ގޮތުން ދުރު މީހުންނަށް ވެސް ކިޑްނީ ހަދިޔާ ކުރުމުގެ ހުއްދަ އެ ގައުމުން ދޭތީ، ކިޑްނީ ބަދަލުކުރުމަށް ޔޫއޭއީ އަށް ފޮނުވަން ނިންމާފައިވާ ކަމަށް އާސަންދައިން ކުރިން ބުނެފައިވެ އެވެ.

މީގެ އިތުރުން ކިޑްނީ ބަދަލުކުރުމަށް އިތުރު ދެ މީހަކު ޔޫއޭއީ އަށް ފޮނުވުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މި ވަގުތު ކުރިއަށް ގެންދާ ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ.

އާސަންދައިގެ މި އައު ހިދުމަތް ފޯރުކޮށްދިނުމަށް ޔޫއޭއީގެ އަބޫ ދާބީގައި ހުންނަ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ބެންކޮކުގައި ހުންނަ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އެކު އެއްބަސްވުންތަކުގައި ކުރިން ސޮއިކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.