ދިވެހިރާއްޖެއަށް ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ގެނެވޭނެ: ތާރިގު

ދިވެހިރާއްޖެއަށް ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ގެނެވޭނެ: ތާރިގު

ގުޅުންހުރި

ދިވެހިރާއްޖެއަށް ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ގެނެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް އުއްމީދު ކުރައްވާކަމަށް ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ދެއްކެވީ ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ދެ ގައުމުގެ އިގުތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ބޭނުމުގައި މިމަހުގެ ފުރަތަމަ ދުވަހު ސިންގަޕޫރުގައި ބޭއްވުނު މި ފޯރަމްގައި "ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: އެކްސްޕްލޯރިންގ އިންވެސްޓްމަންޓް ޕާޓްނަރޝިޕްސް" މި ޝިއާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދެވުނެވެ. މި މަޝްވަރާގައި ދިވެހިރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން އެކި ދާއިރާތަކުން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

މިނިސްޓަރު ތާރިގް ވިދާޅުވި ގޮތުގައި ޕެނަލް ޑިސްކަޝަންގައި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުޅުވާލެވިފައިވާ އާ ފުރުސަތުތަކާއި، ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނާ ހިއްސާކުރެއްވިއެވެ. މި ފޯރަމުން ލިބުނު މައުލޫމާތުތަކުގެ އަލީގައި ސިންގަޕޫރުން ރާއްޖެއަށް އާ އިންވެސްޓްމަންޓްތައް ގެނެވޭނެކަމާއި، މިހާރު ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުންވެސް އިންވެސްޓްމަންޓްތައް ފުޅާކުރާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފޯރަމުގައި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށް ތަޖުރިބާ ދަތުރުތަކާއި ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

އިންވެސްޓްކުރުމުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ގާއިމުކުރުމަށް ދިވެހި ސަރުކާރާއި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ހެންލީ އެންޑް ޕާޓްނާރސްއާ ދެމެދުވެސް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާވެ، ދިރިއުޅުމަށާއި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ރަށެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވިގެންދާނެކަމަށް ސަރުކާރުން ބުންޏެވެ.

ހަމަ އެއާއެކު ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ. މިއީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ ސަބަބުން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ ލަނޑުދަނޑި ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ