މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަފްތާގައި 271 ދޯންޏަކުން ކިރުވި މަހަށް ޖުމްލަ 14.3 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިވެއެވެ.
މިފްކޯގެ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގައި މަސްކިރުވި ދޯނީގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 14.3 އިންސައްތަ އިތުރުވެފައިވެއެވެ. ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވީ 237 ދޯންޏަކުންނެވެ. މިއާއިގުޅިގެން މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދުވެސް 0.6 އިންސައްތަ އިތުރުވެ، ޖުމްލަ 14،251،615 ރުފިޔާއަށް އަރާފައިވެއެވެ. ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނީ 14،164،625 ރުފިޔާއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރެވިފައިވަނީ އަންގާރަ ދުވަހު ކަމަށްވާއިރު، އެދުވަހު 54 ދޯންޏަކުން މަސްކިރުވުމުން ޖުމްލަ 3،568،638 ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލު ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވެއެވެ. މި އުސޫލު ތަޢާރަފުކުރުމާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވަމުންދާކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ގަވާއިދުން ފައިސާ ލިބޭ ނިޒާމެއް ޤާއިމުވުމާއެކު، މަސްވެރިން މާލީ ނިޒާމުގައި ރަޖިސްޓަރީވެ، ދައުލަތުން ދަންނަ ބަޔަކަށް ބަދަލުވެފައިވާކަމަށް ސަރުކާރުން ބުނެއެވެ. މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އެމީހުންގެ އާމްދަނީއަށް ބަލައިގެން ލޯނު ދޫކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާއިރު، މިހާރު 14 މަސްވެރިއަކަށް ބީއެމްއެލުން ލޯނު ދޫކޮށްފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ވަޢުދުވެފައިވާ ގޮތުގެމަތިން، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ރަށެއްގައި ތެޔޮ ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި މަޝްރޫޢު 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.