އެމެރިކާއިން ދިވެހި ދަރިވަރުންނަށް މާސްޓާސް ޑިގްރީ ހަދާނެ ފުރުސަތު: ފުލްބްރައިޓް ސްކޮލަރޝިޕް 2026-2027 ހުޅުވާލައިފި

އެމެރިކާއިން ދިވެހި ދަރިވަރުންނަށް މާސްޓާސް ޑިގްރީ ހަދާނެ ފުރުސަތު: ފުލްބްރައިޓް ސްކޮލަރޝިޕް 2026-2027 ހުޅުވާލައިފި

Author
ހުސައިން
03 ޖުލައި 2025 10:06
0

ދިވެހި ދަރިވަރުންނަށް އެމެރިކާގައި މާސްޓާސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2026-2027 ގެ ދަށުން ދިވެހިރާއްޖެއަށް ލިބޭ މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

1946 ވަނަ އަހަރު ފެށިގެން އެމެރިކާ ސަރުކާރުން ހިންގަމުން އަންނަ ފުލްބްރައިޓް ޕްރޮގްރާމަކީ ދުނިޔޭގެ އެންމެ މަޝްހޫރު ބައިނަލްއަގުވާމީ ތަޢުލީމީ ތަޖުރިބާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ. މިހާރު ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމުތަކުގައި މި ޕްރޮގްރާމް ހިންގަމުން ދާއިރު، އަހަރަކު ގާތްގަނޑަކަށް 9000 ސްކޮލަރޝިޕް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެމުންދެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އެހެންކަމުން ދަރިވަރުންނަށް ލިބޭނީ ސީދާ ޕްރޮސެސެއްގެ ތެރެއިން ހޮވުމުގެ ފުރުސަތެވެ.

މި ފުރުސަތަށް ޝައުގުވެރިވާ ދިވެހި ދަރިވަރުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމު ފުރިހަމަކުރަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސްކޮލަރޝިޕާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް ސުވާލުކޮށް، ބޭނުންވާ މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޚިދުމަތްކުރާނެ ޤާބިލު ފަރާތްތައް ބިނާކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.