މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މާލީ ހާލަތު ނިހާޔަތަށް ދަށަށް ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. ކުންފުނީގެ ހާލަތު މިހާރު ވަނީ އަމިއްލައަށް އާމްދަނީ ހޯދޭ ވަރަށް ވެސް ދަށަށް ގޮސްފައެވެ.
ކޮމިޓީގެ ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ފިނޭންސް މިނިސްޓްރީގެ އެހީތެރިކަން ހޯދަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ކުންފުނިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ވެސް ސަރުކާރުގެ ބަޖެޓު ސަޕޯޓަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމިޓީން ދޫކޮށްފައިވާ ރިޕޯޓުގައި ވަނީ، ކުންފުނީގެ ހާލަތު ބަދަލުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެމްއެމްޕީއާރުސީ ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޒާރުދީފައެވެ.
ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމްއެމްޕީއާރުސީއަށް ފައިދާއެއް ނުލިބޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކުންފުނިން ފައިދާގައި އަހަރެއް ނިންމާލާފައިވަނީ 2020 ވަނަ އަހަރު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ކުންފުނީގެ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، 2019 ވަނަ އަހަރު 132.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ފާއިތުވި އަހަރު ލިބިފައިވަނީ އެންމެ 22.3 މިލިއަން ރުފިޔާ ކަމަށެވެ. މިއީ 2019 އާ އަޅާބަލާއިރު 83 ޕަސެންޓުގެ ދަށްވުމެކެވެ. އެހެންނަމަވެސް ކުންފުނީގެ ޚަރަދުތައް 2019 އަށްވުރެ ފާއިތުވި އަހަރު އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
2019 ވަނަ އަހަރު އެމްއެމްޕީއާރުސީއަށް 23.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާއިރު، ފާއިތުވި އަހަރު ކުންފުނިން ނިންމާލާފައިވަނީ 27.7 މިލިއަން ރުފިޔާގެ ގެއްލުމުގައި ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ކަންބޮޑުވާ ކަމަކީ، ކުންފުނިން އެންމެ ބޮޑު ޚަރަދެއް ކުރަމުންދަނީ އިންގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ލިވަޕޫލްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރާ ކެމްޕޭނަށް ކަމެވެ. މި ކެމްޕޭނަކީ 2025 ވަނަ އަހަރުގެ މާޗު 13 އިން 2028 ވަނަ އަހަރުގެ މެއި 13 އާ ދެމެދު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ލިވަޕޫލް ކެމްޕޭނަށް އެކަނި މިއަހަރު 20.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން ލިވަޕޫލް ޕާޓްނަޝިޕްގެ ތެރެއިން ހިންގާ އެހެން ޕްރޮގްރާމަކަށް 2.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ލިވަޕޫލް ކެމްޕޭނާ ގުޅިގެން އާންމުންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބައެއް ފަރާތްތަކުން ބުނަނީ، ލިވަޕޫލުން ރާއްޖެ އިޝްތިހާރުކުރާ މަސައްކަތެއް ނުފެންނާ ކަމަށާއި، އޭގެ ބަދަލުގައި ފެންނަނީ އެމްއެމްޕީއާރުސީއިން ރާއްޖޭގައި ލިވަޕޫލް އިޝްތިހާރުކުރާ މަންޒަރު ކަމަށެވެ.
މި ކެމްޕޭނާ ގުޅިގެން އުފެދިފައިވާ ސުވާލުތަކުގެ ތެރޭގައި، ލިވަޕޫލްގެ އިންސްޓަގްރާމް އެކައުންޓުން އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސް އެކައުންޓު ފޮލޯނުކުރާ ކަމާއި، ލިވަޕޫލްގެ ވެބްސައިޓުގައި ރާއްޖޭގެ އިޝްތިހާރު ނުޖަހާ ކަމާއި، އެ ކުލަބުގެ މަޝްހޫރު އެންފީލްޑް ދަނޑުގައި ވެސް ރާއްޖެ އިޝްތިހާރުނުކުރާ ކަން ހިމެނެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލްއާ އެކު ކުރާ މި ޑީލަށް ޚަރަދުކުރާ ބޮޑު އަދަދަށް ހައްގުވާ ނަތީޖާއެއް ލިބޭތޯ އާންމުން ސުވާލުއުފައްދަމުންދާ ކަމަށް ރިޕޯޓުގައި އިޝާރާތްކޮށްފައިވެއެވެ.