ހިޔާވެހި ޕްރޮގްރާމުގެ ދަށުން 2,229 ފަރާތަކުން ގެދޮރު އެޅުމަށް އެދި ހުށަހަޅައިފި

ހިޔާވެހި ޕްރޮގްރާމުގެ ދަށުން 2,229 ފަރާތަކުން ގެދޮރު އެޅުމަށް އެދި ހުށަހަޅައިފި

Author
ހުސައިން
28 ޖޫން 2025 01:16
0

ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަށް ކުރު މުއްދަތެއްގެ ތެރޭގައި 2,229 ފަރާތަކުން ހުށަހެޅުން ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން ތިން ސްކީމެއް ތަޢާރަފުކޮށްފައިވާއިރު، ރަށްވެހި ފައިނޭންސިން ސްކީމަށް 1,329 އެޕްލިކޭޝަން ލިބިފައިވާކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ސަހަރު ސްކީމަށް 586 ފަރާތަކުން އަދި ފަހިމާލެ ސްކީމަށް 314 ފަރާތަކުން ހުށަހަޅާފައިވެއެވެ.

މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ޚާއްސަކޮށްފައިވާ ފަހިމާލެ ސްކީމުގެ ދަށުން ގިނަވެގެން 6 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށާއި، 600 އަކަފޫޓަށްވުރެ ކުޑަ ބިންތައް އެއްކޮށްގެން ތަރައްޤީކުރާ ފަރާތްތަކަށް އިސްކަން ދީގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަކުރެވިފައިވާ ސަހަރު ސްކީމުގެ ދަށުން ގިނަވެގެން 3 މިލިއަން ރުފިޔާ ދޫކުރެވޭނެއެވެ. މި ދެ ސްކީމުގެ ދަށުންވެސް ފެސިލިޓީ އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެ އަދި 18 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް ވުޒާރާއިން ބުނެއެވެ.

ހުށަހަޅާ ފަރާތްތަކުން 5 އިން 10 ޕަސެންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަނެއް ދައްކަން ޖެހޭނެ ކަމަށާއި، ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ ކަމަށްވެސް ވުޒާރާއިން ބުނެއެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15 ޕަސެންޓް ދޫކުރެވޭނެ އަދި ބާކީ ފައިސާ މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.

މިއީ އިސްލާމިކް ފައިނޭންސިންގެ އުސޫލުން ދޫކުރެވޭ ފެސިލިޓީއެއް ކަމަށާއި، މި މަސައްކަތަށް ސަރުކާރުން އަހަރަކު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.