ޖޫން މަހު މަސްވެރިންނަށް 46 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޖޫން މަހު މަސްވެރިންނަށް 46 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Author
ހުސައިން
28 ޖޫން 2025 01:23
0

މިހިނގާ ޖޫން މަހުގެ މިހާތަނަށް 672 ދޯންޏަކުން ކިރުވި މަހަށް 46.4 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މެއި މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ. އެހެންނަމަވެސް ދެވަނަ ހަފްތާގައި ދޫކުރި ފައިސާގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ޖޫން މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 8.3 މިލިޔަން ރުފިޔާއެވެ. މިއީ މެއި މަހުގެ އެ ހަފްތާގައި ދޫކުރި 14.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 43 އިންސައްތަ ދަށް އަދަދެކެވެ. މި ގޮސްފައިވަނީ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް 3 ދުވަހު މަސް ކިރުވާފައިނުވާތީކަމަށް މިފްކޯއިން ބުނެއެވެ.

ތިންވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރި 11.6 މިލިޔަން ރުފިޔާއަކީ މެއި މަހުގެ އެ ހަފްތާގައި ދޫކުރި 27.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ. ހަމައެހެންމެ ހަތަރުވަނަ ހަފްތާގައި ދޫކުރި 9.8 މިލިޔަން ރުފިޔާއަކީވެސް މެއި މަހުގެ އެ ހަފްތާގައި ދޫކުރި 30.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 67 އިންސައްތަ ދަށް އަދަދެކެވެ.

މި ދެ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވީ މޫސުން ގޯސްވުމުގެ ސަބަބުން މަހަށް ނިކުތް ދޯނިތަކުގެ އަދަދު މަދުވެ މަސްވެރިކަން ދަށްވި ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލު ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެން ދަނީ ތަންފީޒުކުރަމުންނެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން މަސްވެރިންނަކީ މާލީ ނިޒާމުގެ ތެރެއިން ދައުލަތް ދަންނަ ބަޔަކަށް ހެދުމަށްޓަކައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމާއި، އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ދޫކުރުމުގެ ނިޒާމު ޤާއިމުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން މިހާތަނަށް 14 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.