އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ބެހޭގޮތުން ކުރި ސުވާލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސީދާ ޖަވާބެއް ނުދެއްވިއެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ މިވަގުތު ކުރަން ހެޔޮވާ ސުވާލެއް ނޫންކަމަށެވެ.
"ތިއީ މިއަދު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީ" ރައީސް ސޯލިހު ވިދާޅުވިއެވެ.
މިވަގުތު އެމްޑީޕީން ކުރަންޖެހޭ ކަމަކީ ހުރިހާ މެންބަރުން އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީގެ ހުރިހާ މެންބަރުން އެއްބާރުލުން ދޭންޖެހޭ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމާއި، ނަޝީދާއެކު ދިޔަ ގިނަ ބޭފުޅުން އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވުމަކީ އުފާވެރި ކަމެއް ކަމަށް ސޯލިހު ވިދާޅުވިއެވެ. މިއީ އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ރަނގަޅު ފުރުސަތެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރުމާމެދު ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، އެމަނިކުފާނުގެ ބައެއް ގާތް ބޭފުޅުން ވަނީ ފާއިތުވި ހަފްތާގައި ބައެއް ނޫސްތަކަށް ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 2028 ވަނަ އަހަރު އޮންނާނެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނެ ތާރީހެއް އަދި ޕާޓީން ކަނޑައަޅާފައެއް ނުވެއެވެ.