މެދުއިރުމަތީ ސަރަހައްދުގެ ހާލަތު ނުރައްކާތެރި ވަމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ޚާއްޞަ އަހަމިއްޔަތުކަމެއް ދެމުންދާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވީ، އީރާނާއި އިސްރާއީލާ ދެމެދު ދިގުލައިގެން ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. މި ހާލަތުގައި ހާރިޖީ ވުޒާރާއާއި ރާއްޖޭގެ މިޝަންތަކުން އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ، އެ ގައުމުތަކުގައި ދިރިއުޅޭ ނުވަތަ ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، އެ ގައުމުތަކުގެ ސަރުކާރުތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ފެށުނު ހަނގުރާމަ މިހާރު ވަނީ ދެވަނަ ހަފްތާއަށް ވަދެފައެވެ. އިސްރާއީލުގެ ހަމަލާތައް އަމާޒުވީ އީރާންގެ ނިއުކްލިއާ ފެސިލިޓީތަކާއި، އަސްކަރީ މަރުކަޒުތަކާއި، އަސްކަރިއްޔާގެ އިސްވެރިން ދިރިއުޅޭ ތަންތަނަށެވެ. މި ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.
މިހާރު ވަނީ އެމެރިކާ ވެސް މި ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާދެމުންދެއެވެ. ވައިގެ ސަރަހައްދުތައް ބަންދުވުމާއި، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ