މިފްކޯއަށް ބޭނުން ވަނީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ، ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދިގެން އަމިއްލަ ފައިދާއަށްވުރެ ކުންފުންޏަށް ފައިދާ ވާގޮތަށް މަސައްކަތް ކުރާނެ ބޯޑަކާއި މެނޭޖްމެންޓެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރ އިމްރާން މުޙައްމަދު ބުނެފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހިންގާ މިފްކޯއަށް އިތުރު ކުންފުންޏެއްގެ ދަށުން މަސައްކަތް ނުކޮށް، އަމިއްލައަށް ކުރިއަށް ދެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކޮށް އިމްރާން ބުނީ މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ. އަދި އެކަމުގައި ބޭނުންވަނީ އިހުލާސްތެރިކަން ކަމަށް އޭނާ ބުންޏެވެ.
ގައުމީ ޓިމުން ރިޓަޔަރ ކުރުމަށް ފަހު އިމްރާން މުޙައްމަދު އާންމުގޮތެއްގައި މިހާރު ފެންނަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އުފެއްދުމުގައިވެސް އިމްރާނަކީ އިސްކޮށް ފާހަގަކޮށްލެވުނު އެކަކެވެ. މީގެ އިތުރުން މަސްވެރިންނަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް އާންމުކޮށް ހިއްސާކުރުމުގައި ވެސް އިމްރާނަކީ ފާހަގަކޮށްލެވޭ މީހެކެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގެންދަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށް ހިންގާ ހަރަކާތްތަކަށްވެސް ތާއީދު ކުރަމުންނެވެ. އެގޮތުން ދާދިފަހުން މަސްވެރިން އިއުލާންކުރި ބޮޑު އިހްތިޖާޖަށްވެސް އެ ޔޫނިއަނުން ވަނީ ތާއީދުކޮށްފައެވެ.
މަސްވެރިންގެ ހުރި މައިގަނޑު ކަންބޮޑުވުންތަކަކީ ސީދާ ގޮތެއްގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއާ ގުޅުން ހުރި ކަންބޮޑުވުން ތަކެކެވެ. އޭގެތެރޭގައި ބާނާ މަސް ފަސޭހައިން ކިރޭނެ އިންތިޒާމް ނެތުމާއި، ށ. ކީކިމިނިން މަސް ގަންނަމުން ނުދާ މައްސަލައާއި، މަސްވެރިންނަށް ފަސޭހައިން އައިސް ނުލިބުމާއި ކިރުވާ މަހުގެ އަގު ދައްވުމުގެ މައްސަލައެވެ.
ކޮމެންޓު ފޮނުވާ