ކުޅުދުއްފުށްޓާއި ނައިފަރާއި ތިމަރަފުށިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށްޓާއި ނައިފަރާއި ތިމަރަފުށިން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
04 ޖެނުއަރީ 2021 06:06
0

ތ. ތިމަރަފުއްޓާއި ޅ. ނައިފަރާއި ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ތިން ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މީނާ ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވި ވަގުތު އަތުތެރޭގައި އޮތް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމުން އޭނާގެ ހާޒިރުގައި އެއެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 160 ރަބަރު ޕެކެޓް ފެނިފައިވާތީ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

ތިމަރަފުށީގައި ހިންގި އޮޕަރޭޝަނަކީ ތިމަރަފުށިން އެ އަތޮޅު ދިޔަމިގިއްޔަށް މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ތިމަރަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ދިޔަމިގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ތިމަރަފުށީ ފަޅުގައި އޮތް ދޯންޏަކުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ސެލޯފިންގަނޑެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.