އުޅަނދުތަކަށް ލިބޭ ގެއްލުމަށް ބަދަލު ދޭ އާ އިންޝުއަރެންސް ޕެކޭޖެއް ދެމަހުގެ ތެރޭގައި ތައާރަފްކުރަނީ

އުޅަނދުތަކަށް ލިބޭ ގެއްލުމަށް ބަދަލު ދޭ އާ އިންޝުއަރެންސް ޕެކޭޖެއް ދެމަހުގެ ތެރޭގައި ތައާރަފްކުރަނީ

Author
ހުސައިން
22 ޖޫން 2025 01:15
0

އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ދެވޭނެ އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް 45 ދުވަހުން، 2 މަހުގެ ތެރޭގައި ތަޢާރަފްކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އޮތް ގާނޫނުގެ ދަށުން ތާރޑް ޕާޓީ އިންޝުއަރެންސަށް އިތުރުކުރެވޭ ކޮމްޕްރެހެންސިވް ޕެކޭޖެއް ހުރިހާ އިންޝުއަރެންސް ކުންފުނިތަކާ ގުޅިގެން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މާލެ ފަހި ޕްރޮގްރާމްގެ ދަށުން ދަތުރުފަތުރުގެ ސިނާއަތަށް ދިމާވާ ދަތިތަކަށް ހައްލުހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި މާލެތެރޭގެ ތޮއްޖެހުން ކުޑަކުރުމާއި، އުޅަނދުފަހަރު އިންޝުއަރެންސް ކުރުމުގެ ނިޒާމަށް ބަދަލުގެނައުމާއި، ތާޑް ޕާޓީ އިންޝުއަރެންސް ހަރުދަނާކުރުމާއި، އިންޝުއަރެންސުން ބަދަލު ލިބިދޭ އުސޫލުތައް ރަނގަޅުކުރުން ހިމެނެއެވެ.

މުޅި ޓްރެފިކް ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ބަދަލުތައް މަޖިލީހަށް ހުށަހަޅާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ގާނޫނަށް މި ބަދަލުތައް ގެނެސް ފާސްވުމުން ޓްރެފިކް މައްސަލަތަކަށް ފުރިހަމަ ހައްލު ލިބިގެންދާނެ ކަމަށް އޭނާ އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ތާރޑް ޕާޓީ އިންޝުއަރެންސަކީ އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް ހެދޭ އިންޝުއަރެންސެކެވެ. އާ ޕެކޭޖުން އުޅަނދުގެ ވެރިފަރާތަށް ލިބޭ ގެއްލުންތަކަށްވެސް ބަދަލު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.