މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިޚަބު ނުބޭއްވޭނެކަން ކަށަވަރު ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ. ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ޝެޑިއުލްކޮށްފައި އޮތް ތާރީޚުގައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ގައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި މަޖިލީހުން ފާސްކުރި ކައުންސިލް އިންތިޚާބާއި ގުޅޭ ވަގުތީ ޤާނޫނުގައި ބުނެފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. ނަމަވެސް އެދުވަސްވަރަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާ ދުވަސްތަކެއްކަމުން އިލެކްޝަނަސް ކޮމިޝަނުން ވަނީ އޭގެ ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ މާރިޗް 6 ގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.
ކައުންސިލް އިންތިޚާބާއިމެދު ޤާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އިންތިޚާބު ބާއްވަން ޤާނޫނީ ގޮތުން ހުރި މައްސަލަތައް ހައްލު ކުރަން ބޭނުން ނުވަނީ ސަރުކާރަށް އިންތިޚާބް ނާކާމިޔާބު ވާނެތީކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ