ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަލުން ކްރިޕްޓޯ ކަރަންސީ ޓްރޭޑިންގ މެދުވެރިކޮށް އިންވެސްޓަރުންނަށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެ މީހުން ހޯދަން އެދުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
ފުލުހުން ޕިރަމިޑް ސްކީމެއް ކަމަށް ބުނެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއައި އިންވެސްޓްމަންޓް ސްކީމުން ފައިސާ ޖަމާވުން ހުއްޓުމާ ގުޅިގެން އަލްހާން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އަދިވެސް ޓްރޭޑްކޮށްގެން ފައިދާ ހޯދައިދޭން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ޖެމްކިއުގެ ސައްހަކަމާ ބެހޭގޮތުން ތަފުސީލު މައުލޫމާތެއް އޭނާ ދީފައެއް ނުވެ އެވެ.
އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ އޭނާ އާއި ދެބެއިން ހިންގި ކިންގްސް ކެޕިޓަލް ސްކީމް ހުއްޓުނީ ބޭންކް އޮފް މޯލްޑިވްސްއިން ހައްގަކާ ނުލައި ކުންފުނީގެ އެކައުންޓުތައް ބްލޮކް ކުރުމުން ކަމަށެވެ. އަދި އެތައް ސަތޭކަ މީހުންގެ ތެރެއިން މި މައްސަލާގައި ފުލުހުން ބަޔާން ނެގީ އެންމެ 13 މީހެއްގެ ކަމަށާއި، އޭނާ އާއި ދެބެއިންގެ މައްޗަށް ކޮށްފައިވާ ޓެކުމުގެ ދައުވާތަކަކީ އެމީހުންގެ އަބުރު ކަތިލުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
"އަޅުގަނޑު މިހުރީ އަދިވެސް ބަޔަކު އަޅުގަނޑާ ބައިވެރިވާނަމަ ޓްރޭޑްކޮށްގެން ފައިދާ ހޯދައިދޭން ތައްޔާރަށް. ކުރިން އިންވެސްޓް ކޮށްގެން ފައިދާ ލިބުނު މީހުންވެސް މަދެއް ނުވާނެ. އެކަން ހުއްޓުވުމާ ހަމަޔަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކޮށް ފެންނަން ހުންނާނެ،" އޭނާ ލިޔެފައިވެ އެވެ.
އަލްހާން ހިއްސާކޮށްފައިވާ ޕޯސްޓުގައި އިންވެސްޓުކުރަން ޖެހޭ އަދަދުތަކާއި ލިބޭނެ ފައިދާގެ ތަފުސީލު ވެސް ހިމަނާފައިވާއިރު، އެ ޕޯސްޓުގެ ކޮމެންޓުތަކުގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބައެއް މީހުން ހުތުރު ބަހުން ވެސް އޭނާއަށް މުހާތަބުކޮށްފައިވެ އެވެ.
އަލްހާން ފަހުމީ، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޮންމެ މީހަކަށް 13 ޓެކުމުގެ ދައުވާއެއް އުފުލާފައިވަނީ، އެމީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އިންވެސްޓްމަންޓް ސްކީމަށް އާންމުން އިންވެސްޓުކުރި 98 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ މަކަރާ ހީލަތުން ހޯދައި ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތުގައި އެ ތިންބެއިން ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މި މައްސަލާގައި ގެއްލުން ލިބުނު 13 މީހުންނާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ ދައުވާތައް އުފުލާފައިވާއިރު، އަލްހާން މިހާރު ވެސް ބުނަނީ އެއީ ޕޮންޒީ ސްކީމެއް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ