ބޭރު ފައިސާއާ ބެހޭ އައު ގާނޫނުގެ ސަބަބުން ރިސޯޓުތައް ހިންގުމަށް ދަތިވާ ކަމަށް ބުނެ، ބައެއް ރިސޯޓުތަކުން ސާވިސްޗާޖް ދިވެހި ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުައްވައިފިއެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރުން ލާޒިމު ކުރާ ގާނޫނަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު، ޔުނިވާސަލް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް ފަދަ ބޮޑެތި ކުންފުނިތަކުން މުވައްޒަފުންގެ ސާވިސްޗާޖް ރުފިޔާއިން ދޭން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ފާހަގަކުރެއްވީ، ފަތުރުވެރިންގެ އަތުން ސާވިސްޗާޖް ނަގަނީ ޑޮލަރުން ކަމުން، މުވައްޒަފުންނަށް ވެސް އެ ފައިސާ ލިބެންޖެހޭނީ ޑޮލަރުން ކަމަށެވެ. މުވައްޒަފުންގެ ރުހުން ނެތި ޑޮލަރުން ލިބެންޖެހޭ ސާވިސްޗާޖް ރުފިޔާއިން ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން "މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން" ކަމުގައި ބެލިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ އަދި ގާނޫނީ ވާޖިބެއް. ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެ،" ގާސިމް ވިދާޅުވިއެވެ.
ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ ފަރާތެއް ކަމުގައިވިޔަސް، މުވައްޒަފުންގެ ހައްގު ހިމާޔަތްކުރުމަށް ގާސިމް ވަނީ ވަރަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ދީފައިވާތީ، އެގޮތަށް އަމަލުކުރުމަށް ގާސިމް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް. ބައެއް ކުންފުނިތަކުން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތައް،" ގާސިމް ވިދާޅުވިއެވެ.
މުވައްޒަފުންނާ އެއްބަސްވުމުގައި ޑޮލަރުން މުސާރަ ދިނުމަށް ސޮއިކޮށްފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށާއި، ފައިސާގެ ޖިންސް ބަދަލުކުރެވޭނީ މުވައްޒަފުގެ ރުހުން ލިބިގެން ކަމަށް ގާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ ބައެއް ބޭންކަކަށް މާރުކުރަންޖެހޭ އިރު، ބޭންކުތަކުންވެސް އެ ފައިސާގެ ވަކި ޕަސެންޓެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަން ޖެހެއެވެ. މި ގަވާއިދުގެ މަގްސަދަކީ ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް އިތުރުކޮށް، އިގްތިސާދީ ހާލަތު ހަރުދަނާ ކުރުމެވެ.
ކޮމެންޓު ފޮނުވާ