ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެސްޓީއޯ މެދުވެރިކޮށް މަދުވެގެން 600 ވައްތަރުގެ ބޭސް ރާއްޖެއަށް ގެނައުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވިދާޅުވިމުގައި، މިވަގުތު އެސްޓީއޯއިން ރަޖިސްޓަރީކޮށްގެން ރާއްޖެއަށް ގެންނަމުންދަނީ 200 އެއްހާ ވައްތަރުގެ ބޭސް ކަމަށާއި، މި އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމޭއިރަށް މި އަދަދު 600 އަށް އިތުރުކުރުމަކީ ސަރުކާރުގެ ޓާގެޓް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ބޭހެއްގެ ޖެނެރިކް ވައްތަރުން ކޮންމެވެސް ބްރޭންޑެއް އެސްޓީއޯ މެދުވެރިކޮށް ހޯދޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިކަމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިހާރުވަނީ ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށާފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިން އެސްޓީއޯއިން ނުގެންނަ ގިނަ ބާވަތްތަކުގެ ބޭސް މިހާރު ވަނީ އެތެރެކުރަން ފަށާފައި ކަމަށާއި، މި މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުއިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެ މަސް ކުރިން ބޭހުގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ކަމަށާއި، ނަމަވެސް މިހާރު މި ޝަކުވާތައް ވަނީ ވަރަށް ބޮޑަށް މަދުވެ، މައްސަލަތަކަށް ރަނގަޅު ހައްލުތަކެއް ލިބެމުންދާ ކަމަށް ހެލްތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ