ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

Author
ހުސައިން
18 ޖޫން 2025 03:02
0

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ބުނެ ހައިކޯޓުން ނެރުނު އަމުރު، ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު 21 ގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށްފަހު، ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

މި އަމުރު ބާތިލުކޮށްދިނުމަށް އެދި ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި ފުލުހުން އެކަނި މައްސަލަ ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާއަތާ ހިލާފު ކަމެއް ކަމަށް ބުނިނަމަވެސް، ހައިކޯޓުން ނިންމީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، މަނީ ލޯންޑަރިންގ ކުށާ ގުޅުވައި އަންނަނީ ކޮރަޕްޝަންގެ ކުށެއް ކަމަށްވާއިރު، އެ ތުހުމަތު އޭސީސީއަށް ނުބައްސައި ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށާއި، އެ ހާލަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުގައި ފުލުހުންނަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ބުނެ ޝަމްއާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދެމެހައްޓި ގޮތް ގޯސްވާ ކަމެއް ޝަމްއާންއަށް ބުނެދެވިފައި ނުވާ ކަމަށާއި، ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔު ވެސް އެއްގޮތްވުމުން، ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ހައިކޯޓުގެ އަމުރު ވެސް ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިހެންވުމާއެކު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.