އަދާލަތު ޕާޓީގެ ރައީސްގެ މާއްދާ ބަދަލުކުރަން އިލެކްޝަނުން ބާރުއަޅަނީ

އަދާލަތު ޕާޓީގެ ރައީސްގެ މާއްދާ ބަދަލުކުރަން އިލެކްޝަނުން ބާރުއަޅަނީ

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 01:52
0

އަދާލަތު ޕާޓީގެ ދުސްތޫރުގައި އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފައިވާ އުސޫލު ބަދަލުކޮށް، އަންހެނުންނަށްވެސް އެ މަޤާމަށް ވާދަކުރެވޭ ގޮތަށް ފުރުސަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.

ދެހާސްދިހަ ވަނަ އަހަރު އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައިވާ އަދާލަތު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ ފިރިހެނުންނަށް އެކަންޏެެވެ. އެހެން ނަމަވެސް މި ފަހުން ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެ ދެމާގަމަށްވެސް އަންހެންނުނަށް ވާދަ ނުކުރެވޭ ގޮތަށް ޕާޓީއެއްގެ އަސާސީ ގަވައިދު އޮތުމަކީ ބެސްޓް ޕްރެކްޓިސްއެއް ނޫން ކަމަށެވެ. އަދި އެއީ ކޮމިޝަނުން ބަލައިގަންނާނެ ކަމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އަދިވެސް އޮތް އިރު ކުރިން އޮތީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް އަންހެނަކު ކުރިމަތި ނުލެވޭ ގޮތަށެވެ. އެކަމަކު މި މަހު ބާއްވާ އިންތިހާބާ ދިމާކޮށް އަންހެނަކު ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ދުސްތޫރު ވަނީ ބަދަލުކޮށްފައެވެ.

އަދާލަތު ޕާޓީން މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ނެތްއިރު، އެމަޤާމަށް އެޕާޓީގެ ތެރެއިން ބައެއް އަންހެން ބޭފުޅުންގެ ޝައުގުވެރިކަން ހުރިކަން ނުސީދާ ގޮތަކަށް ދަނީ ފާޅުރަމުންނެވެ. ނަމަވެސް ފުރުސަތު ނެތުމުން މަޤާމަށް ކުރިމަތިލާނެކަމަށް އަދި މިހާތަނަށް އެޕާޓީގެ އެއްވެސް އަންހެން ބޭފުޅަކު ހާމަކުރައްވާފައިނުވެއެވެ.

އަދާލަތު ޕާޓީގެ ތެރޭގައިވެސް ސިޔާސީގޮތުން އަންހެނުންގެ ދައުރު ފުޅާވެ، ކުރީސަފަަށް ނިކުންނަ އަންހެނުން ދަނީ ގިނަވަމުންނެވެ. އެގޮތުން ކުރީގެ ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއަކީވެސް އެޕާޓީ ތެރެއިން ފާހަގަކޮށްލެވޭ ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް ގުނާލެވޭ ކަނބަލުންނެވެ.

ޚަބަރު އޮންލައިނާއި ވާހަކަ ދެއްކެވި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ބުނެފައިވަނީ، ޕާޓީގެ އަސާސީ ގަވާދަށް ބަދަލު ގެނެސް އަންހެނުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނައުމީ ޕާޓީގެ މިވަގުތު ހިންގުމާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ އެއްބާރުލުން ލިބޭ ކަމެއްނޫނެވެ. ސަބަބީ މިހާރު ތިއްބެވި ބޭފުޅުން އެމަޤާމުތަކުގައި ތިއްބެވަތާ އެތައް އަހަރެއް ވެގެންދާއިރު، ޕާޓީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްދެވި، މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.