ޔުމްނު ވެއްޓުނު މައްސަލައިގައި އަމީން ސީޕީ ޝުޖާއު އަށް ގުޅި ނަމަވެސް ތަހުގީގަށް އަސަރެއް ނުކުރާ ކަމަށް ކޮމިޝަނުގެ ރިޕޯޓްގައި ބުނެފި

ޔުމްނު ވެއްޓުނު މައްސަލައިގައި އަމީން ސީޕީ ޝުޖާއު އަށް ގުޅި ނަމަވެސް ތަހުގީގަށް އަސަރެއް ނުކުރާ ކަމަށް ކޮމިޝަނުގެ ރިޕޯޓްގައި ބުނެފި

Author
ހުސައިން
18 ޖޫން 2025 12:47
0

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވި ނަމަވެސް، އެ ފޯނު ކޯލުގެ ސަބަބުން ތަހުގީގަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.

ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު، އެތަނުގައި ހުންނެވި ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް މިނިސްޓަރު އަމީން ގުޅުއްވާފައިވެއެވެ. އަމީންގެ ވާހަކާގައި، އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުން ހާމަވި ގޮތުގައި، އެރޭ ފުރަތަމަ ޕާޓީ ބޭއްވިފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައެވެ. މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އަމީންގެ ޓީމުގައި ހިމެނުނު މީހެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އަމީނަށް "ބޮޑުބޭބެ" ކިޔާ ދެ ކުއްޖަކު ވެސް މި މައްސަލައިގައި ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެރޭ އަމީންގެ ގޭގެ ޓެރެސްގައި ހިނގައިދިޔަ ކަންކަމަކީ ފުލުހުން ތަހުގީގު ކުރަމުންދިޔަ ކަމަކަށްވާއިރު، ފުލުހުންގެ އޮފިސަރަކަށް ގުޅައި މައްސަލައާ މެދު ވާހަކަ ދެއްކެވުމަކީ އާންމު މީހެއްގެ ވިސްނުމުން ބަލާއިރު ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.

އެހެންނަމަވެސް، ކޮމިޝަނުން ސާފުކޮށް ބަޔާންކޮށްފައި ވާގޮތުގައި، "މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން، މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަކަށް މި ކޮމިޝަނަށް ނުފެންނަ" ކަމަށް ބުނެފައި ވެއެވެ.

މިނިސްޓަރު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ ނުފޫޒު ފޯރުވުމަށް ނޫން ކަމަށާއި، ހަމައެކަނި ގެ ބަލައި ފާސްކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.