އެމްޓީސީސީން ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީން ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

Author
ހުސައިން
18 ޖޫން 2025 12:32
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 2024 ވަނަ އަހަރުގެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހާނެ އަދަދު ކަނޑައަޅައިފިއެވެ. ބަރުސެލޯ ނަސަންދުރާގައި ބޭއްވުނު ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތުން، މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާގެ ރޭޓުން ފައިދާ ބެހޭނެއެވެ. މިގޮތުން ޖުމުލަ 5.5 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައި ވެއެވެ.

ފާއިތުވި އަހަރު ހިއްސާއަކަށް 3 ރުފިޔާ ބަހާފައިވާއިރު، މިއަހަރު ބަހާ އަދަދު 1 ރުފިޔާ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މި ނިންމުމަކީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.95 ޕަސެންޓުގެ ތާއީދު ލިބިގެން ފާސްކުރެވުނު ނިންމުމެކެވެ.

އެމްޓީސީސީގެ އަހަރީ ޖަލްސާގައި ޖުމުލަ 156 ހިއްސާދާރުން ބައިވެރިވިއެވެ. މިއީ ކުންފުނީގެ މުޅި ހިއްސާދާރުންގެ 69.62 ޕަސެންޓެވެ. ޖަލްސާގައި 2023 ވަނަ އަހަރުގެ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، 2024 ވަނަ އަހަރުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރެވުނެވެ.

ކުރިއަށް އޮތް މާލީ އަހަރަށް ކުންފުނީގެ ބޭރުގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕާޓްނާސް ޢައްޔަންކުރުމަށް ނިންމުނެވެ. އޮޑިޓް ފީގެ ގޮތުގައި 510,300 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު، ޑެލޮއިޓަކީ ކުރީ އަހަރުތަކުގައިވެސް އެމްޓީސީސީގެ އޮޑިޓަރެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ ފަރާތެކެވެ.

ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ނަތީޖާތަކަށް ބަލާއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 44.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. 2023 ވަނަ އަހަރު 96.6 މިލިޔަން ރުފިޔާ ފައިދާ ލިބިފައިވާތީ، މިއަހަރުގެ ފައިދާ 53.6 ޕަސެންޓު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

1981 ވަނަ އަހަރު ޑިސެންބަރު މަހު ޤާއިމުކުރެވުނު އެމްޓީސީސީއަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. 44 އަހަރުގެ ތަޖުރިބާގައި، ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓިންގ ކުންފުންޏަށް ބަދަލުވެފައިވާ އެމްޓީސީސީއަކީ، އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މައިގަނޑު ރޯލެއް އަދާކުރާ މުއައްސަސާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.