ކުޑަކުދިންނަށް ޑައިވްކުރުމުގެ ފުރުޞަތު – ޑިސްކަވަރ ޑައިވް ޕްރޮގްރާމް އޮންނާނީ މިމަހުގެ 21 ގައި

ކުޑަކުދިންނަށް ޑައިވްކުރުމުގެ ފުރުޞަތު – ޑިސްކަވަރ ޑައިވް ޕްރޮގްރާމް އޮންނާނީ މިމަހުގެ 21 ގައި

Author
ހުސެއިން
17 ޖޫން 2025 12:04
0

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުޑަކުދިންނަށް ޑައިވްކުރުމުގެ ޚާއްޞަ ފުރުޞަތެއް ހުޅުވާލައިފިއެވެ. "ޑިސްކަވަރ ޑައިވް" ޕްރޮގްރާމްގެ ދަށުން 8 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުދިންނަށް މި ފުރުޞަތު ލިބިގެންދާނެއެވެ.

ޖޫން 21 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ހުޅުމާލޭ ބީޗް ސަރަހައްދުގައި ބާއްވާ މި ޚާއްޞަ ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން ޖޫން 18 ވަނަ ދުވަހުގެ ކުރިން އޮންލައިން ފޯމް ފުރިހަމަކުރަންޖެހެއެވެ. މިއީ ކޮންމެ އަހަރަކުވެސް ބާއްވާ ޕްރޮގްރާމެއް ކަމަށާއި، ފާއިތުވި އަހަރުވެސް މި ހަރަކާތުގައި ކުޑަކުދިން ވަރަށް ބޮޑަށް ޝައުގުވެރިވިކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ.

ޑައިވިންގ ތަޖުރިބާއެއް ނެތް ކުދިންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށާއި، ތަމްރީނު ލިބިފައިވާ އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން ރައްކާތެރިކަމާއެކު ޑައިވްކުރުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭނެކަމަށް ވުޒާރާއިން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ކަނޑުގެ މުހިންމުކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާ ބެހޭ މަޢުލޫމާތުވެސް ކުދިންނާ ހިއްސާކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.