މިފްކޯއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖުމުލަ 25 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކުން މިފްކޯއަށް މަސް ކިރުވި އިރު، އެ މަހަށް 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން މިފްކޯއިން ބުނެއެވެ. މިއީ މޭ މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު 7 ޕަސެންޓް އިތުރު އަދަދެކެވެ.
އެހެންނަމަވެސް ޖޫން މަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ގުޅިގެން 3 ދުވަހު މަސް ނުކިރުވުމުން، ދެވަނަ ހަފްތާގައި އެންމެ 111 ދޯންޏަކުން މަސް ކިރުވާފައިވާ އިރު، އެ މަހަށް 8.3 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ވަޢުދާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތު ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަން ސަރުކާރުން ބުނެއެވެ. މި އައު އުސޫލުގެ ދަށުން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިންނަށް ޤަވާއިދުން ފައިސާ ލިބޭ ނިޒާމު ޤާއިމުވުމާއެކު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިން ބަލައިގަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމާއި، އާމްދަނީއަށް ބިނާކޮށް ލޯނު ދޫކުރުމުގެ ނިޒާމު ހިމެނެއެވެ. ބީއެމްއެލްގެ ފަރާތުން މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭނުންވާ ކްރެޑިޓް ފެސިލިޓީތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ސަރުކާރުން ބުނާގޮތުގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ސިނާއަތަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށްޓަކައި މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ