ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަށް އދ. އިން ރާއްޖެއަށް އެހީތެރިވާނެ

ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަށް އދ. އިން ރާއްޖެއަށް އެހީތެރިވާނެ

Author
ހުސައިން
14 ޖޫން 2025 02:51
0

އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސްގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް، އދ. ގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

އދ. ގެ ލީގަލް އެފެއަރޒްގެ އަންޑަރ ސެކްރެޓަރީ-ޖެނެރަލް އަދި ލީގަލް ކައުންސެލް އެލިނޯ ހަމަރޝޯލްޑް އާއި އޯޝަން އެފެއަރޒް އޮފިޝަލުންގެ ޑިވިޝަންގެ އޮފިޝަލުން ބައިވެރިވި މި ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ. އޯޝަން އެފެއަރޒް ޑިވިޝަނަކީ ބީބީއެންޖޭ އެއްބަސްވުމުގެ ވަގުތީ ސެކްރެޓޭރިއެޓްގެ ގޮތުގައި މަސައްކަތްކުރާ ޑިވިޝަނެވެ.

ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ޠާރިގް ވިދާޅުވީ، މި މަސައްކަތުގައި އދ. އިން ދޭ އެހީތެރިކަން ވަރަށް ބޮޑަށް އަގުވަޒަންކުރައްވާ ކަމަށެވެ. ގައުމީ އިހްތިޞާސްގެ ބޭރުގައިވާ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ މި ބައިނަލްއަގްވާމީ އެއްބަސްވުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ނުހަނު މުހިންމު އެއްބަސްވުމެކެވެ.

އޯޝަން ކޮންފަރެންސްގައި ރާއްޖެގެ ފަރާތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމްގެ އިތުރުން ދެ މިނިސްޓްރީގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ.

ކަނޑުތަކާއި އޭގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ސަރުކާރުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ. ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގްބަލު ރައްކާތެރިކުރުމަށްޓަކައި ކަނޑުތަކަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.