މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ 2019 ވަނަ އަހަރު، ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްމިކް ނުވަތަ އިސްލާމީ ބިނާ "އިސްލާމީ މަރުކަޒު" ވިރާނާވެ ނުބެހެލެހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ފާޅު ކުރައްވާފައި ވަނިކޮށް މިއަދު އެ މިނިސްޓްރީން ބުނެފައިވަނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުންފެށިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައިވާކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ މިމަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު 142-B1/CIR/2019/8 ނަންބަރު ސަރކިއުލރ އިން ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފައި ވާކަމަށެވެ.
ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފަ. އަދި މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު 142-B1/CIR/2019/8 ނަންބަރު ސަރކިއުލރ އިން ބަޖެޓާއި އެކު ކައުންސިލްތަކާއިވަނީ ހަވާލު ކުރެވިފަ. #MVIaffairs
— Ministry of Islamic Affairs (@MVIaffairs) January 4, 2021
އިސްލާމީ މަރުކަޒުގެ ބައެއް ފޮޓޯތަކާއިއެކު ވައްޑެ އިއްޔެ ވައްޑެ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މި ތަަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ލޯބިން ބަލަހައްޓަމުންދިޔަ ދިވެހިންގެ އެންމެބޮޑު އިސްލާމީ ބިނާކަމުގައެވެ. ނަމަވެސް މިއަދު މިތަން ނުބެލެހެއްޓި ވީރާނާވަމުންދާ ކަމީ ކަންބޮޑުވާކަމެއްކަމަށާއި، މިތަން ރަނގަޅަށް ބަލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ.
އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް. މިތަން ރަގަޅަށް ބަލަހައްޓައިދެއްވާ!
– ވައްޑެ ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަކީ، މާލޭގެ މަލަމަތިން ފެންނަ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޤައުމިއްޔަތު ދައްކުވައިދޭ ބިނާއެކެވެ. އިސްލާމީ މަރުކަޒު އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ބިނާކުރެއްވި އިމާރާތެވެ. އިސްލާމީ މަރުކަޒު ހުޅުވީ 1984 ވަނަ އަހަރު އެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހުންނަނީ އިސްލާމީ މަރުކަޒުގެ އިމާރާތުގައެވެ.
އިސްލާމީ މަރުކަޒު ބަލެހެއްޓުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް އިސްކަން ދީގެން ކޮށްފައިވާކަމެކެވެ. ޚާއްސަކޮށް ނިމިދިޔަ ވެރިކަމުގައި ވަނީ މުޅި މިސްކިތުގެ ބޭރުގައި މުށި ޖަހައި، މިސްކިތުގެ ޖާގަ ތަނަވަސްކޮށް، އެސަރަހައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ