ރާއްޖެއިން މާކަނޑުގެ ދިރުންތައް ހިމާޔަތްކުރާ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކޮށްފި

ރާއްޖެއިން މާކަނޑުގެ ދިރުންތައް ހިމާޔަތްކުރާ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކޮށްފި

Author
ހުސައިން
10 ޖޫން 2025 02:52
0

ދިވެހިރާއްޖެއިން، ގައުމީ އިހްތިސާސުން ބޭރުގެ ސަރަހައްދުތަކުގައި ހުންނަ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކޮށްފިއެވެ. ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގެ ނަމުން މަޝްހޫރުވެފައިވާ މި މުހިންމު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ފްރާންސްގައި ކުރިއަށްދާ އދގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި މުއާހަދާގައި ސޮއިކުރުމުން ދިވެހިރާއްޖެ ވަނީ މާކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުގައި އިތުރަށް ފާހަގަވެފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މިއީ ކަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދޭ އިސްކަން ދައްކުވައިދޭ ނިޝާނެކެވެ.

އދގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ މި ތާރީޚީ އެއްބަސްވުމުގައި ރާއްޖެ ބައިވެރިވުމަށް ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ހުއްދަ ދެއްވާފައެވެ. މިހާތަނަށް ދުނިޔޭގެ 112 ޤައުމަކުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ.

ބީބީއެންޖޭ މުއާހަދާގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ޤައުމެއްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ މާކަނޑުގެ ސަރަހައްދުތަކުގައި ތިބޭ ދިރުންތަކާއި އެ ސަރަހައްދުތަކުގެ މާހައުލީ ނިޒާމު ރައްކާތެރިކޮށް ދަމަހައްޓައި، އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމެވެ. މިއީ މާކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ތިމާވެށީގެ މާހިރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.