އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ހުޅުވަނީ

އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ހުޅުވަނީ

Author
ހުސައިން
10 ޖޫން 2025 02:46
0

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ އޮފީހެއް ރާއްޖޭގައި ހުޅުވުމަށް އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ކިއު ޑޮންގްޔޫ އެއްބަސްވެވަޑައިގެންފިއެވެ.

މިކަން ނިންމެވީ ކޯސްޓަ ރީކާގައި ކުރިއަށްދާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އާއި އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ބައްދަލުކުރެއްވުމުންނެވެ.

ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވީ ރާއްޖޭގައި ހިންގަމުންދާ އެންކަރޑް އެފްއޭޑީސް މަޝްރޫޢަށް އެފްއޭއޯއިން ފޯރުކޮށްދެމުންދާ ފަންނީ އަދި މާލީ އެހީތެރިކަމުގެ މުހިންމުކަމެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެފްއޭއޯއިން މިހާތަނަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ދެ ފަރާތުން މަޝްވަރާކުރެވުނީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި މެރިކަލްޗަރ ދާއިރާ ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. ހާއްސަކޮށް ކަނޑުގެ ފުރިހަމަ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރުމަށް އެފްއޭއޯގެ ފަންނީ އެހީތެރިކަން ހޯދުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

ޔޫއެން އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް އާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން ދެ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ވަފުދެކެވެ. ކޮންފަރެންސްގައި ރާއްޖޭގެ ވަފުދު ބައިވެރިވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ފުރުޞަތުތައް ހޯދުމުގެ މަޤްޞަދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.