ބޭރުގެ އިސްތިއުމާރީ ބާރުތަކަށް މިފަސްގަނޑު ދޫކޮށްލުމުން ރައީސް ޔާމީން ތަސައްވަރު ކުރެއްވި ކަންކަން މިއަދު ރާއްޖޭގެ ފަސްގަނޑުން ފެންނަމުންދާކަމީ ނުހަނު ހިމާތަމަ ހުރި ކަމެއްކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރިސޯޓްގައި، 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި އިންޑީޔާ މީހަކު ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލާފައިވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި އެމައްސަލާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ މިއީ މިފަސްގަނޑުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ޖާގަ ދިނުމުން ފެނިގެންދާ ހިތްދަތި މަންޒަރު ތަކެއްކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ބޭރުގެ އިސްތިއުމާރީ ބާރުތަކަށް މިފަސްގަނޑުގައި ބޭނުންހާ އެއްޗެއް ހެދިޔަ ނުދޭން ކުރެއްވި މަސައްކަތާއި، އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތު ދޫކޮށްލުމަކީ މިއަދު މިޤައުމު މިހާލަތަށް ދާން ޖެހުނު އެންމެބޮޑު ސަބަބުކަމަށް ޝިޔާމް ވިދާޅުވިއެވެ. އެމަނިކުފާނު އޭރުވެސް ވިދާޅުވެ ތަސައްވަރު ކުރެއްވި ގޮތަށް މިފަސްގަނޑުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ޖާގަ ދީފިނަމަ، ބޭރު މީހުންގެ ފަރާތުން ކުށްތައް އާންމުވެ، އެމީހުންގެ ބާރު މިފަސްގަނޑުގައި ގަދަވާނެކަމީ އެމަނިކުފާނު ފާހަގަކުރެއްވި ކަންތައްތަކެއް ކަމަށެވެ. މިއަދު ސަރުކާރުން މިޖާގަ ދިނުމުން ގައުމުގައި އެފަދަ ކަންކަން އާންމުވެ ބޭރުގެ އިސްތިއުމާރީ ބާރަކަށް ރާއްޖެ ވަމުންދާ މަންޒަރު ފެންނަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ދިވެހި ފަސްގަނޑުން ޖާގަ ނުދެއްވައި ބޮޑެތި ގޮންޖެހުންތަކާއިއެކު ވެރިކަން ކުރެއްވި ރައީސެއް ރައީސް ޔާމީން އަކީ. އެޖާގަ ދީފިނަމަ ޤައުމު އަޅުވެތިވެ އަމިއްލަ ފަސްގަނޑުގައި 2 ވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހިން ވާނެކަން އަބަދުވެސް ރައީސް ޔާމީން ތަކުރާރު ކުރައްވާ
– ޝިޔާމް ވިދާޅުވިއެވެ.
ރިސޯޓުގައި ދިވެހި އަންހެނަކު ރޭޕްކުރި އިންޑިޔާ މީހާ މިހާރު ފުވާލާފައިވާކަމަށް ބުނަމުންދާއިރު، މިކަމުގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ރާއްޖޭގައި ފަހަކަށް އައިސް އިންޑިޔާ މީހުންގެ ފަރާތުން ބޮޑެތި ކުށްތަކަށް އަރައިގަނެ، ފާޙިޝް އަމަލުތައް އިތުރުވަމުންދާތަން ފެނެއެވެ. މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްސަލަ ނުބެލި އެމީހުން ޤައުމަށް ފޮނުވާލާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ