1446 ވަނަ އަހަރުގެ ޙައްޖު މޫސުން އެއްވެސް ހާދިސާއެއް ނެތި ކާމިޔާބުކަމާއެކު ނިމުނުކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް އަމީރު ސަޢުދު ބިން މިޝްޢަލް ވިދާޅުވީ، މި އަހަރުގެ ޙައްޖު މޫސުމުގައި ސަލާމަތްތެރިކަމާއި، ސިއްޙީ އަދި ޚިދުމަތްތަކާ ގުޅޭ އެއްވެސް މައްސަލައެއް ދިމާނުވިކަމަށެވެ.
މިނާގައި ހުންނަ ގަވަރނަރޭޓްގެ މައި މަރުކަޒުން ވާހަކަދައްކަވަމުން އަމީރު ސަޢުދު ވިދާޅުވީ، ޙައްޖުވެރިންނަށް އަމާންކަމާއި ސުލްޙަވެރިކަމާއެކު އެބޭފުޅުންގެ މަނާސިކުތައް އަދާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމުގައި ސަޢޫދީ ސަރުކާރުން ރޭވި ޕްލޭންތައް ވަރަށް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުނުކަމަށެވެ. އޭނާ ވަނީ މި ކާމިޔާބީއަށްޓަކައި ދެ މުޤައްދަސް މިސްކިތުގެ ޚާދިމު މަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ބޮޑުވަޒީރު އަދި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާފައެވެ.
އަމީރު ސަޢުދު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމުގެ ކާމިޔާބީގައި ސެކިއުރިޓީ، ސިއްޙީ އަދި ޚިދުމަތްތަކުގެ ދާއިރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ދައުރު ވަރަށް ބޮޑެވެ. އެފަރާތްތަކުން ދެއްކި އިޚްލާޞްތެރިކަމާއި ވަފާތެރިކަން އޭނާ ވަނީ ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ޙައްޖުވެރިން ދެއްވި އެއްބާރުލުމާއި ގަވާއިދުތަކަށް ތަބާވުން ވެސް މޫސުމުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރިކަމަށް އޭނާ ވިދާޅުވިއެވެ.
މައްކާ ސަރަޙައްދުގެ އަމީރު އަމީރު ޚާލިދު އަލް-ފައިސަލްއާއި އެތެރޭގެ ކަންކަމުގެ ވަޒީރު އަދި ސުޕްރީމް ޙައްޖު ކޮމިޓީގެ ރައީސް އަމީރު ޢަބްދުލްޢަޒީޒު ބިން ސަޢޫދު ބިން ނައިފްގެ ފަރާތުން ވެސް މި ކާމިޔާބީއަށްޓަކައި ސަޢޫދީ ވެރިކަމަށް ޝުކުރު އަދާކުރައްވާފައިވާކަމަށް އަމީރު ސަޢުދު ވިދާޅުވިއެވެ.
މި އަހަރުގެ ޙައްޖު މޫސުން ނިމުމާއެކު އަންނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް ވަގުތުން ފަށާނެކަމަށް އަމީރު ސަޢުދު ވިދާޅުވިއެވެ. މުޤައްދަސް ތަންތަނާއި އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަކީ ސަޢޫދީ ސަރުކާރާއި ރައްޔިތުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ