އިޒްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން ދިއުމުގެ ސަބަބުން ހޮސްޕިޓަލުގެ ޑައިލަސިސް ޚިދުމަތްތައް ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުއްޓާލަން ޖެހިދާނެކަމަށް ވަނީ އިންޒާރު އެ ހޮސްޕިޓަލުން ދީފިއެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، މިވަގުތު އެ ހޮސްޕިޓަލުގައި 300 އަށްވުރެ ގިނަ ކިޑްނީ ބަލިމީހުން ޑައިލަސިސް ފަރުވާ ހޯދަމުން އަންނަކަމަށާއި، ތެޔޮ ނުލިބިގެން ޖަނަރޭޓަރުތައް ނިވިއްޖެނަމަ މި ބަލިމީހުންގެ ފުރާނައަށް ނުރައްކާވާނެކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ތެޔޮ ހުސްވުމުން ހޮސްޕިޓަލުގެ ކަރަންޓު ސިސްޓަމް މުޅިން ބަންދުވުމަށް ގިނަ ވަގުތުތަކެއް ނުނަގާނެކަމަށެވެ.
މި ކަންބޮޑުވާ ހާލަތު ހައްލުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (WHO) އާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ނަމަވެސް، މިހާތަނަށް އެ މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލުވެފައި ނުވާކަމަށް ފާހަގަކުރެއެވެ.
ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ހަމަލާތަކުގައި، ޚާއްޞަގޮތެއްގައި ސިއްޙީ މަރުކަޒުތަކާއި، އެހީދޭ ފަރާތްތަކާއި، ރެފިއުޖީ ކޭމްޕްތަކަށް އަމާޒުކޮށް ހަމަލާދެމުންދާކަން ފާހަގަކުރެވެއެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްޙީ ނިޒާމު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ދަނީ އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމުންނެވެ. އެކަމަކު މި ގޮވާލުންތަކަށް އިޒްރާއީލުން އަދިވެސް އިޖާބަދީފައެއް ނުވެއެވެ.
އިޒްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް 54,772 ފަލަސްޠީނީން ޝަހީދުވެފައިވާއިރު، 125,834 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ޢަދަދުތަކުގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ