ޙައްޖުވެރިންގެ ހާލު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަޒީރުންގެ ވަފުދެއް މިނާ ޓެންޓްތަކަށް ޒިޔާރަތްކުރައްވައިފި

ޙައްޖުވެރިންގެ ހާލު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަޒީރުންގެ ވަފުދެއް މިނާ ޓެންޓްތަކަށް ޒިޔާރަތްކުރައްވައިފި

Author
ހުސައިން
08 ޖޫން 2025 12:57
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވުމަށް ސަރުކާރުގެ އިސް ވަޒީރުންގެ ވަފުދެއް މިނާގައި ހުންނަ ދިވެހި ޙައްޖުވެރިންގެ ޓެންޓްތަކަށް ރޭގައި ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ބައިވެރިވެވަޑައިގަތީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ވަޒީރުންގެ ވަފުދު މިވަގުތު ވަނީ ޙައްޖުގެ ކަންކަން ބެލުމަށް މައްކާ މުކައްރަމާއަށް ވަޑައިގަންނަވާފައެވެ.

މިނާ ޓެންޓްތަކަށް ކުރެއްވި ޒިޔާރަތުގައި ވަޒީރުންގެ ވަފުދު ވަނީ ދިވެހި ޙައްޖުވެރިންނާއި ސީދާ ބައްދަލު ކުރައްވައި، އެމީހުންގެ ހާލު އަހުވާލު ދެނެގަންނަވާފައެވެ. ހަމައެއާއެކު ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި މުޠައްވިފްގެ ފަރާތުން ޙައްޖުވެރިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މުބާރަކު އަޅުކަމަށް ދިޔައީ 1000 ޙައްޖުވެރިންނެވެ. މި ޙައްޖުވެރިން ވަނީ ޢަރަފާތާއި މުޛްދަލިފާގެ ރުކުންތައް ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާލާފައެވެ. މިވަގުތު ހުރިހާ ދިވެހި ޙައްޖުވެރިންވެސް ތިއްބެވަނީ މިނާގައި ޤާއިމުކުރެވިފައިވާ ޓެންޓްތަކުގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.