ސަރުކާރުގެ އާ ޓެކްސީ ލައިން އޯގަސްޓު ފަހުކޮޅު ފެށޭނެ

ސަރުކާރުގެ އާ ޓެކްސީ ލައިން އޯގަސްޓު ފަހުކޮޅު ފެށޭނެ

Author
ހުސައިން
08 ޖޫން 2025 09:57
0

ސަރުކާރުން ރާއްޖޭގައި ތަޢާރަފު ކުރަން ނިންމާފައިވާ އާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޯގަސްޓު މަހުގެ ފަހުކޮޅު ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަ ދެއްކެވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

މާލޭގައި ޒަމާނީ ޓެކްސީ ޚިދުމަތެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. މިއީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މިހާރު ދެވެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެކެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް މިހާރު ކަނޑައަޅައި، އެގްރިމެންޓްވެސް ހެދިފައިވާއިރު، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ފެށޭނެއެވެ. "ފުލް އީވީ ސެޓަޕެއްވީމަ، މީގަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސަޕްލަޔަރުންވެސް ކަނޑައެޅިފައި ހުރީ. މިހާރު ޕްރޮޑަކްޝަން ލައިނަށް ބަލާއިރު، މިމަހުގެ 10 ގައި ޕްރޮޑަކްޝަން ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ޖުލައި މަހު ކުރީކޮޅު ފެށުމަށް ކުރިން މަސައްކަތް ކުރިނަމަވެސް، ޓެކްސީތައް އުފެއްދުމުގެ މަސައްކަތަށް ބަދަލުތައް އައުމުން ޓައިމްލައިން ބަދަލުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "މިއީ އަޅުގަނޑުމެން ފިހާރައަކަށް ވަދެ ގަންނަން ލިބޭ ކަހަލަ އެއްޗެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ، ބޭނުންވާ ލިވަރީގައި، ބޭނުންވާ އިކުއިޕްމެންޓްސްތައް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނައިރު ޓައިމްލައިނަށް ބައެއް ބަދަލުތައް އަންނާނެ،" ވަޒީރު ވިދާޅުވިއެވެ.

އެކަމަކު އޯގަސްޓު ފަހުކޮޅަށްވުރެ ލަހެއް ނުވާނެކަމަށާއި، އޯގަސްޓު ފަހުކޮޅު ރައްޔިތުންނަށް މި ޚިދުމަތް ލިބިގެންދާނެކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފު ކުރިނަމަވެސް މިކަމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، މިހާރު ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދާއިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ 100 ޕަސެންޓް ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނެގުމުގެ އިތުރުން ޕާޓް ޓައިމްކޮށް ދުއްވާނެ ޑްރައިވަރުންވެސް ނަގާނެއެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، ރާއްޖޭގެ ޓެކްސީ ޚިދުމަތުގެ މުޅި ދާއިރާއަށް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.