ކަނޑުމަގުން 7 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑޮނީޝިއާގެ 2 މީހުން ދޫކޮށްލައިފި

ކަނޑުމަގުން 7 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑޮނީޝިއާގެ 2 މީހުން ދޫކޮށްލައިފި

Author
ހުސައިން
07 ޖޫން 2025 12:31
0

ކަނޑުމަގުން ރާއްޖެއަށް 7 ކިލޯގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިންޑޮނީޝިއާގެ 2 ފަރާތެއް ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.

ދޫކޮށްލެވުނީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރު މުހައްމަދު އިކްބަލް މަކްމުރު (46) އާއި އެ ބޯޓުގެ އިންޖިނިއަރު އެޑްރިއަންސްޔާ (25) އެވެ. މި ދެ ފަރާތް 75 ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓާފައި ވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.

ކޯޓުން ބުނެފައިވާ ގޮތުގައި، ޗީފް އޮފިސަރު މުހައްމަދު އިކްބަލް މަކްމުރުގެ މުއްދަތު ޖެހުމަށް ގެނައި 6 ވަނަ ފަހަރު ބަންދުން ދޫކޮށްލީ، ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހެޅިފައިނުވާތީ އެވެ. އިންޖިނިއަރު އެޑްރިއަންސްޔާ ދޫކޮށްލިއިރުވެސް އޭނާއާއި މައްސަލައާ ގުޅުވައިދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބާކީ މީހުންގެ ތެރޭގައި އިންޑޮނީޝިއާގެ ނަސްވަން އަދިލް (30) އާއި އިންޑިއާގެ 7 ފަރާތެއް ހިމެނެ އެވެ. މި ފަރާތްތަކުގެ މައްސަލަ އަދިވެސް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.