މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަޑީގައި ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވި 11 ފަރާތެއް ފުލުހުން ޖޫރިމަނާކޮށްފިއެވެ. މިއީ ފުލުހުން ކުރިޔަށް ގެންދިޔަ ޓްރެފިކް ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ފާހަގަކުރެވުނު މައްސަލަތަކެވެ.
ހަވީރު 4:00 އިން 6:00 އާ ދެމެދު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަޑީގައި ގަވާއިދާ ޚިލާފުވި ފަރާތްތަކުގެ އިތުރުން، 141 ފަރާތަކަށް ފުލުހުން ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން 3 އުޅަނދެއް ޓޯކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ނުރައްކާތެރި ގޮތެއްގައި ދުއްވުމުގެ ސަބަބުން ހުއްޓުވި އުޅަނދަކާއި، މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވަމުން ދިޔަ އުޅަނދަކާއި، ލައިސަންސް ނެތި ދުއްވަމުން ދިޔަ އުޅަނދެއް ހިމެނޭކަމަށް ފުލުހުންގެ ފަރާތުން ވިދާޅުވެފައިވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދަނީ މާލޭގެ ޓްރެފިކް ނިޒާމު ރަނގަޅުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ