އަޟްހާ ޢީދު ހަވީރުގައި އެމްއެންޑީއެފުގެ ޚާއްޞަ ހަރަކާތްތަކަށް ޢާއިލާތަކުގެ ބޮޑު ޝައުޤުވެރިކަމެއް

އަޟްހާ ޢީދު ހަވީރުގައި އެމްއެންޑީއެފުގެ ޚާއްޞަ ހަރަކާތްތަކަށް ޢާއިލާތަކުގެ ބޮޑު ޝައުޤުވެރިކަމެއް

Author
ހުސައިން
07 ޖޫން 2025 12:27
0

ބަރަކާތްތެރި އަޟްހާ ޢީދުގެ އުފާވެރި މާޙައުލުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ބާއްވަމުންދާ "ޢީދު ހަވީރު 1446″ ގެ ތެރެއިން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މި ޚާއްޞަ ހަރަކާތްތަކުގައި ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ، ޖުމްހޫރީ މައިދާން، ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ފްލެޓް އޭރިއާ ހިމެނެއެވެ. މި ހަރަކާތްތަކުގައި ޚާއްޞަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުގެ އެކި ޔުނިޓްތަކުން ވަރަށް ޝައުޤުވެރި ތަޖުރިބާތަކެއް ހޯދައިދިނެވެ.

ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރަށް އަރައި ބަލާލުމާއި ފޮޓޯ ނެގުމުގެ އިތުރުން، ކޯސްޓްގާޑުގެ ކުދި ސްޕީޑް ބޯޓްތަކުގައި ދުއްވާލުމުގެ މަޖާވެރި ތަޖުރިބާ ކުދިންނަށް ލިބުނެވެ. އަދި މާލެ އޭރިއާ ކޮމާންޑުން ތައްޔާރުކުރި އޮބްސްޓިކަލް ކޯސްތަކުގައި ބައިވެރިވުމާއި، ރެޕެލިންގ ޓަވަރުން ފޭބުމުގެ ފަދަ އެޑްވެންޗަރ ހަރަކާތްތަކުގައި ކުދިން ވަރަށް އުފާވެރިކަމާއެކު ބައިވެރިވިއެވެ.

މެރިންކޯރ އާއި އޯޑްނަންސް ސަރވިސްގެ ފަރާތުން ހަނގުރާމަމަތީ އާލާތްތަކާއި، ޚާއްޞަ އުޅަނދުތަކާއި ހަތިޔާރުތައް ޕަބްލިކަށް ދައްކާލުމުގެ އިތުރުން، ކުދިންގެ މެދުގައި ވަރަށް މަޤްބޫލު ގިލީ ސޫޓު ލައިގެން ތިބި ސިފައިންނާއި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބުމުން ކުދިންގެ އުފާ ދެފުށް ފެންނަން ހުރިއެވެ.

އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ހުށަހަޅައިދިން ސަޤާފީ ޕަރފޯމަންސްތަކުން ޢީދުގެ ރޫޙު އިތުރަށް ފާހަގަ ކުރެވުނެވެ. މި ޚާއްޞަ "ޢީދު ހަވީރު 1446″ ޕްރޮގްރާމް ޖޫން 7 އަދި 8 ވަނަ ދުވަހު ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އަންގައިފިއެވެ.

ޢީދުގެ މި ޚާއްޞަ ހަރަކާތްތަކަކީ ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމާއެކު، ސިފައިންގެ މަސައްކަތާ މެދު ރައްޔިތުންގެ ތެރޭގައި އިތުބާރު އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.