މުސްލިމް އުންމަތުގެ ކާމިޔާބުގެ ސިއްރަކީ އެއްބައިވަންތަކަން: ޢީދު ޚުޠުބާ

މުސްލިމް އުންމަތުގެ ކާމިޔާބުގެ ސިއްރަކީ އެއްބައިވަންތަކަން: ޢީދު ޚުޠުބާ

Author
ހުސައިން
06 ޖޫން 2025 09:15
0

މިއަދު ފާހަގަކުރެވުނު ޢީދުލް އަޟްޙާގެ ޚުޠުބާގައި މުސްލިމް އުންމަތުގެ ޢިއްޒަތާއި ޤަދަރު ހޯދުމަށްޓަކައި އެއްބައިވަންތަކަމާއެކު ދީނުގެ އަސާސްތަކުގައި ހިފެހެއްޓުމަށް ގޮވާލައްވައިފިއެވެ.

ޚުޠުބާގައި އަލްމުނާފިޤޫން ސޫރަތުގައި ބަޔާންވެގެންވާ "ޢިއްޒަތް ވަނީ، ﷲއަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ" މި ކީރިތި ބަސްފުޅު ހަނދާންކޮށްދެއްވި އެވެ. މި ޢިއްޒަތާއި ޤަދަރު ލިބިގަތުމަށްޓަކައި މުސްލިމުން ބައިބައިނުވެ، އުންމަތުގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން ވަނީ ފާހަގަކުރައްވާފައެވެ.

އަލްއަންފާލް ސޫރަތުގެ 46 ވަނަ އާޔަތް ތިލާވަތްކުރައްވައި، އެ އާޔަތުގެ މާނައިގައި ބަޔާންވެގެންވާ ﷲއަށާއި ރަސޫލާއަށް ކިޔަމަންވުމާއި، ދެބަސްވެ އަރާރުންނުވުމާއި، ކެތްތެރިވުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. ދެބަސްވެ އަރާރުންވުމުން އުންމަތް ފިނޑިވެ، ބާރު ގެއްލިގެންދާނެކަން ވަނީ ނަސޭހަތްތެރި ކުރައްވާފައެވެ.

އިބްރާހިމްގެފާނާއި އިސްމާއީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ވާހަކަ ހަނދާންކޮށްދެއްވައި، އެއީ މާތް ﷲއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ޢަމަލީ ނަމޫނާއެއްކަން ވަނީ ބަޔާންކުރައްވާފައެވެ. މި ނަމޫނާއިން މިއަދުގެ މުސްލިމުން ޢިބުރަތް ހާސިލުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އިސްލާމީ އުންމަތް ނިކަމެތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާތް ﷲއާއި ރަސޫލާ ﷺގެ އެންގެވުންތަކާ ދުރުހެލިވުމާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ހިމެނޭކަން ވަނީ ބަޔާންކުރައްވާފައެވެ.

ކީރިތި ރަސޫލާ ﷺގެ ޞަޙާބީންގެ ޒަމާނުގައި، އިސްލާމް ދީނަށް ފައުޖުފައުޖަށް މީހުން ވަނުމުގެ ސަބަބަކީ އެބޭކަލުންގެ މުއްސަނދިކަމެއް ނުވަތަ ޖިސްމާނީ ވަރުގަދަކަމެއް ނޫންކަމަށާއި، އެއީ އެބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ވެގެންދިޔަ ކަމެއްކަން ވަނީ ވިދާޅުވެފައެވެ.

ޚުޠުބާގެ ނިންމުމުގައި ވިދާޅުވެފައިވަނީ މާތްﷲ ހައްޖާއި އީދު ޝަރުޢުކުރެއްވި މަޤްޞަދަކީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، އެކުވެރިކަމާއެކު ދިރިއުޅުމާއި، އުންމަތް އިޞްލާޙުވެ ތަރައްޤީވުމަށް މަގުފަހިކުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.