ކީރިތި ރަސޫލާގެ ވަދާޢީ ޙައްޖު: އުންމަތަށް އަލްވަދާޢު ވިދާޅުވަމުން ދެއްވި އަސަރުގަދަ ޚުޠުބާ!

ކީރިތި ރަސޫލާގެ ވަދާޢީ ޙައްޖު: އުންމަތަށް އަލްވަދާޢު ވިދާޅުވަމުން ދެއްވި އަސަރުގަދަ ޚުޠުބާ!

ގުޅުންހުރި

ތޭވީސް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައީއެވެ. އިސްލާމީ ރިސާލަތުގެ މަތިވެރި ނޫރު ޢަރަބި ކަރައާއި ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. ގިނިކަންޏާ ފެއްޓެވި މަތިވެރި ތައުޙީދުގެ ދަޢުވަތު ވަނީ ފެތުރިފައެވެ. ބަލިނުކުރެވޭނޭ ފަދަ ވަރުގަދަ ދައުލަތަކާއި ބާރެއްވަނީ ތައުސީސްކުރެވިއެވެ. ޢަޤީދާގެ މައްޗަށް އުފަންކުރެވުނު ޙަޟާރަތުގެ ތަނބުތައް ވަރުގަދަ ވެފައިވެއެވެ. ޢިލްމާއި ފިކުރާއި ޢުމްރާނީ ކުރިއެރުމުގެ ބިންގާތައް އުންމަތުގައި ޤާއިމު ކުރެއްވިއެވެ. ބައިބައިވެފަ އޮތް މުޖުތަމަޢު އެއްބައިވަންތަވެ، އިޖުތިމާޢީ އަޚުލާޤިއްޔާތުގެ ވަރުގަދަ އިންޤިލާބެއް ވަނީ އައިސްފައެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިޞްލާޙީ ޙަރަކާތުގެ ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި ޙައްޖުގެ ފަރުޟު އަދާކުރައްވާފައިނުވެއެވެ. އެކަލޭގެފާނު ޤުރުބާނީ ވެވަޑައިގެންނެވީ އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރު އިންސާނިއްޔަތަށް ފެތުރުއްވުމުގައެވެ. މަދީނާއަށް ހިޖުރަކުރެއްވިތާ ދިހަވަނަ އަށްވީ އަހަރު، އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޤަސްތުކުރައްވައި އެކަން އިޢުލާންކުރެއްވިއެވެ. މި އުފާވެރި ޚަބަރު މަދީނާއާއި ވަށައިގެންވާ ސަރުޙައްދުތަކަށް ފެތުރިގެން ދިއުމުން އިތުރު އެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް ހާސް ބަޔަކު ޝައުޤުވެރިވިއެވެ. މިގޮތުން އެކި ސަރަޙައްދުތަކުން މަދީނާއަށް މީސްތަކުން ޖަމަޢަވާން ފެއްޓިއެވެ. ކޮންފަދަ މަތިވެރި ނަސީބެއްތޯއެވެ؟ އެންމެ މާތް މަތިވެރި ނަބިއްޔާގެ އަރިހުގައި ތަލްބިޔާކިޔައި އެކަލޭގެފާނުގެ އަރިހުގައި ތަވާފުކޮށް، އެކަލޭގެފާނާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ލިބުމަކީ އާދައިގެ ކަމެއްނޫނެވެ.

ކީރިތި ރަސޫލާ ޙައްޖަށް ވަޑައިގަންނަވާކަން އިޢުލާންކުރެއްވުން.

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މަދީނާއަށް ވަޑައިގެން ނުވަ އަހަރުވީ އިރުވެސް އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާނުކުރައްވައެވެ. ނަމަވެސް ދިހަވަނަ އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވަން ޤަސްތުކުރެއްވި ހިނދު، އެތައް ބަޔަކު ބޭނުންވީ އެކަލޭގެފާނުގެ އަރިހުގައި އެބަރަކާތްތެރި ދަތުރުގައި ބައިވެރިވެ، އެކަލޭގެފާނު އެ އަޅުކަން އަދާކުރައްވާ ގޮތައް އަދާކުރުމަށެވެ. ދެން ފަހެ، ތިމަން ބޭކަލުން އެންމެން އެކަލޭގެފާނުގެ އަރިހުގައި ނިކުތީއެވެ. މުރައްރިޚުން ބަޔާންކޮށްފައިވާ ގޮތުން އިތުރު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގެންވީ ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާ މަހުގެ ފަންސަވީސްވީ ހޮނިހިރު ދުވަހުގައެވެ.

ކީރިތި ރަސޫލާގެ އަރިހުގައި އިސްލާމުންގެ ވެރިން:

ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގެންނެވީ ހައިބަތުން ފުރިގެންވާ މަތިވެރި ޤާފިލާގައެވެ. އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުންނާއި މާތް މުހާޖިރުންނާއި މަތިވެރި އަންޞާރުންނާއި މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާއި ޢަރަބީންގެ ޤަބީލާތަކުގެ ޒަޢީމުންގެ ގިނަ ބަޔަކު އިތުރު އެކަލޭގެފާނުގެ ކަނާތް ފަރާތާއި ވައަށް ފަރާތާއި ފަހަތްޕުޅުގައި ޢިހުރާމްގައި ތިއްބެވިއެވެ. އިތުރުއެކަލޭގެފާނަކީ އެމީހުން ފަދަ ބޭކަލެކެވެ. އެއީ ރަސްކަލެއްނޫނެވެ. ﷲގެ އަޅާ އަދި އެކަލާނގެ ނަބިއްޔާ އެވެ.

ޙައްޖަތުލްވަދާޢު ކިޔުނީ ކީއްވެ؟

ކީރިތި ރަސޫލާ އަދާކުރެއްވި ޙައްޖަށް، ޙައްޖަތުލްވަދާޢު ކިއުނީ އެއީ އެކަލޭގެފާނު އުންމަތަށް އަލްވަދާޢުވިދާޅުވި މޭރުމަކުން ޢަރަފާތުގައި ޚުޠުބާވިދާޅުވި ޙައްޖު ކަމަށްވުމާއި އަދި އެކަލޭގެފާނުގެ ހަމަ އެކަނި ޙައްޖުކަމަށް ވުމުންކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ޙައްޖަތުލްވަދާޢުގެ ޚާއްޞަ ވެގެންވަނީ އެއީ އެންމެ މާތް ޙައްޖަށްވުމެވެ. އެއީ އިސްލާމީ އުންމަތުގެ އަހުލުވެރިން މާތް ނަބިއްޔާގެ އަމީރުކަމުގެ ދަށުގައި ކުރި ޙައްޖެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ޙައްޖަތުލްވަދާޢުގައި އެއްލައްކަ ސާޅީސްހާސް މުސްލިމުން އިތުރުއެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވިއެވެ. އެއިގެ ތެރޭގައި ކުރިން ދެންނެވި ފަދައިން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައްބަޔަކާއި އެތައް އަންހެން ބޭކަނބަލުންވެސް ހިމެނެއެވެ. އެކަލޭގެފާނު ގިނި ކަންޏާ ފެއްޓެވި ރިސާލަތުގެ ދަޢުވަތު ﷲ ގެ ރަޙުމަތުން ފުރިހަމަ ކުރައްވައި އަލްވަދާޢު އެ ވިދާޅުވީ ތައުޙީދުގެ ދިދަ މި ބިންމަތީގައި އުފުއްލަވާނެ އެތައް ލީޑަރުންނާއި އެތައް ޢާލިމުންނެއް ތަރުބިޔަތު ކުރައްވާފައެވެ.

ޙައްޖަތުލްވަދާޢު ޚުޠުބާގެ ފަހުން، މާތް ﷲ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވާލެއްވިއެވެ. " މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދީން ފުރިހަމަކުރައްވައިފީމުއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިޢުމަތްތައް ފުރިހަމަކުރައްވައި، އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީންކަމުގައި ރުހިވޮޑިގެންފީމުއެވެ. " މި އާޔަތް ބާވާލެއްވުމުން އެއްބަޔަކު އުފާކުރިއެވެ. އެއީ ދީން ފުރިހަމަކުރައްވައި ނިޢުމަތްތައް ފުރިހަމަކުރެއްވިކަމުގެ މައްޗަށެވެ. އަނެއްބަޔަކު، ހިތާމަ ކުރިއެވެ. ހިތާމަ ކުރި މީހުން ހިތާމަކުރީ، އެ އާޔަތުން ދޭހަކޮށްދޭ ސިއްރު ޙިކުމަތާމެދުއެވެ. އެހެނީ ދީން ފުރިހަމަ ކުރައްވައި ނިންމެވުމުން ދޭހަކޮށްދެނީ މާތް ނަބިއްޔާގެ އަޖަލު ކުޑަތަންވެއްޖެ ކަމެވެ. އިތުރު އެކަލޭގެފާނު މި އުންމަތާ ވަކިވެވަޑައިގަންނަވާ ވަގުތު ޖެހިއްޖެ ކަމެވެ. އެއީ އަޞްޙާބު ބޭކަލުންނާއި އުންމަތަށް ތަޙަމުލްކުރަން ދަތިވި ކަމެއްކަން ކަށަވަރެވެ.

ޙައްޖަތުލް ވަދާޢުގެ އަސަރު ގަދަ ޚުޠުބާ: ތައުޙީދުގެ އަސާސްތަކާއި އިންސާނީޙައްޤުތަކުގެ އުޞޫލުތަކާއި އިޖުތިމާޢީ ޤަވާޢިދުތައް:

މި މަޒްނޫނުގައި ކުރު ގޮތަކަށް މި ގެނެސްދެނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ހިމެނޭ މުހިންމު އަސާސްތަކެވެ. ކީރިތި ރަސޫލާ ޢަރަފާތުގައި ދެއްވި ޚުޠުބާ ފެއްޓެވީ ވަރަށް ވެސް އަސަރު ގަދަ ޢިބާރާތަކުންނެވެ. އެއީ އެހާ ގިނަ ޢަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. ޢަރަފާތުގައި ޖަބަލުއްރަޙުމާގައި ހުއްޓިވަޑައިގެން ޚުޠުބާ ފައްޓަވަމުން ވިދާޅުވިއެވެ.

އޭ މާތް ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މިމަޤާމުގައި ތިޔަބައިމީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ."

ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ ޢިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރު އެކަލޭގެފާނު ދެކެ ލޯބިވާ އަޞްޙާބު ބޭކަލުންނަށް ތަޙައްމުލްކުރަން ދަތިވި ޢިބާރާތްތަކެވެ. އެބޭކަލުންގެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ.
ޚުޠުބާ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ

މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ﷲ އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޙަރާމްވެގެންނެވެ. އެއީ މި ދުވަސް ( ޙައްޖު ދުވަސް) އާއި މި މަހާއި ( ޙައްޖު މަސް) މި ރަށް ( މައްކާ ) ޙުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ޙަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ޙަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހާ ރިބަވީ މުޢާމަލާތްތައް ބާޠިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާޠިލު ކުރާ ރިބާ އަކީ ބޮޑު ބޭބެ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބް ގެ ރިބަވީ މުޢާމަލާތެވެ. އެކަންކަން ބާޠިލްވެގެންވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ނުޙައްޤުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުން ބާޠިލްވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް ﷲ ގެ ޙަޟްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ވެގެންވެއެވެ. ( ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ތަކެއްވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެކަނބަލުންގެ މައްޗަށް ވެސް ވާޖިބު ތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރިން ނޫން ބަޔަކާ އެއްދާންކުރުމެއްނެތެވެ. އަދި ފިރިން ނުރެހޭ މީހުން އެކަނބަލުންނާ މުޢާމަލާތު ކުރުމެއްވެސް ނެތެވެ. ފިރިން ނުރެހޭ މީހުން ފިރިންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެފަދަ ކަމެއް އެކަނބަލުން ކޮށްފި ނަމަ އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތް ﷲ އިޒުނަ ދެއްވާފައިވެއެވެ. އެކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ އެކަނބަލުންނަށް ހެޔޮކޮށް ހިތައި ހެޔޮ ގޮތުގައި ޚަރަދު ބަރަދު ދިނުން ހުއްޓެވެ.

އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! އެންމެހާ މުސްލިމުންނަކީ އަޚުންނެވެ. އެކަކު އަނެކެއްގެ މުދާ އަޚާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެން ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ. ތިމަން ކަލޭގެފާނު ވަކިވެގެން ދަނީ ދެ އެއްޗެއް ދޫކުރައްވާފައެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހިފަ ހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ ﷲ އެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެ އަށް ތަޤުވާވެރިވި މީހާއެވެ. ތަޤުވާވެރިކަމުން މެނުވީ ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރި ކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބައެކެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! މާތް ﷲ ވަނީ ތަރިކަ މުދާ ބަހަންވީ ގޮތް ކަނޑައަޅުއްވާފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ޙައްޤު ލިބުން ހުއްޓެވެ. ވާރިސަކަށް މުދަލުން ވަޞިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޢަދަދަކުން ވަޞިއްޔަތް ކުރުމެއް ވެސް ނެތެވެ. ޒިނޭކުރި އަންހެނާގެ ދަރިލައްވާހުށީ ތައްމައްޗަށެވެ. އޭނާއަށް ވަނީ ﷲ ކަނޑައަޅުއްވާފައިވާ ޢުޤޫބާތެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ފަރާތުން ލަޢުނަތް ހުއްޓެވެ. ވައްސަލާމް!

ދެން އެއްވެފައި ތިބި މުސްލިމުން ދެންނެވިއެވެ. ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައިފިއެވެ. ތިމަންމެން އެކަމުގެ މައްޗަށް ހެކިވަމުއެވެ. ދެން ވިދާޅުވިއެވެ. މިތަނަށް ޙާޟިރުވި މީހުން، ޙާޟިރު ނުވާ މީހުންނަށް މި ވާހަކަތައް ފޯރުކޮށްދޭށެވެ.

ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭޙަތްޕުޅުތަކަކީ އިންސާނީ ޙައްޤުތަކުގެ އިސްލާމީ ޗާޓަރެވެ. އެ ޚުޠުބާގައިވަނީ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރުމާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އަނބިންނަށް ހެޔޮކޮށް ހިތުމާއި ފިރިންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ޙިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތާލުމާއި ރިބަވީ މުޢާމަލާތްތައް ނައްތާލުމާއި މިފަދަ އެތައް އަސާސެއް ޤާއިމު ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެތައް ޤަރާރެއްގެ ރިފަރެންސެކެވެ.

ކީރިތި ރަސޫލާ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށް ފަހު މަދީނާ އަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ. މުޢާޒް ބިން ޖަބަލު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވާލައްވަން ޔަމަނަށް ވަޑައިގަންނަވަން ކީރިތި ރަސޫލާ އެދިވަޑައިގެންނެވިއެވެ. އަދި ތިމަންކަލޭގެފާނު ދަތުރަށް ނިކުންނަވަން މަދީނާގެ ރައްބޭރަށް ނިކުމެވަޑައިގަތުމާ ހަމައަށް ކީރިތި ރަސޫލާ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކުމެވަޑައިގެންނެވިއެވެ. އަދި ތިމަންކަލޭގެފާނަށް އަލްވަދާޢު ވިދާޅުވަމުން ސަލާމް ކުރައްވައި ވިދާޅުވިއެވެ. އޭ މުޢާޒެވެ! ފަހަރުގައި ކަލޭގެފާނު ޔަމަނުން މަދީނާއަށް އެނބުރި ވަޑައިގަންނަވާއިރު، ތިމަންކަލޭގެފާނާ ބައްދަލު ނުވެދާނެއެވެ. އެހެން ވެއްޖެ ނަމަ ތިމަން ކަލޭގެފާނުގެ މިސްކިތަށް ޒިޔާރަތް ކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ޤަބުރުފުޅުވާނީ އެތަނުގައެވެ. " އެ ވާހަކަ އަޑު އައްސަވައި މުޢާޒް ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ކަން ވީ ވެސް އެހެންނެވެ. މުޢާޒް ޔަމަނުން އެނބުރި ވަޑައިގެންނެވި އިރު އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވީ ހިޖުރައިން އެގާރަ ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ ބާރަވީ ހޯމަ ދުވަހުގައެވެ. އެއީ ޙައްޖަތުލްވަދާޢުގެ ދެމަސް ދުވަސް ފަހުންނެވެ. އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލާ ރުއިމުގެ އަޑެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރީ އިމާމަކާ ނުލައެވެ. ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެ ވަޑައިގެންނެވި މަޤާމުގައެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން މުއުމިން ތަކުންގެ މަންމަ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ޙާލަތާއި އެދުވަހުގައި ކަންހިގާދިޔަ ގޮތުން މައްޗަށް މައްޗަށް އެހެން މަޒްމޫނެއް ލިޔާހުށީމެވެ. މާތް ﷲ އިތުރު އެކަލޭގެފާނުގެ ޝަފާޢަތް އަޅަމެން އެންމެނަށް މިންވަރު ކުރައްވާނދޭވެ! އާމީން.

ނޯޓް: މިއީ އައްޝައިޚު ޑރ.މުހައްމަދު ޝަހީމްގެ ލިޔުއްވުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ