ޝައްމާންގެ ބަންދާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް ނިންމައިފި

ޝައްމާންގެ ބަންދާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް ނިންމައިފި

Author
ހުސައިން
04 ޖޫން 2025 09:30
0

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، އެ ނިންމުން އިސްތިއުނާފު ކުރުމަށް ޝައްމާން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަންނަން ނިންމައިފިއެވެ.

ފުރަތަމަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއިން ވަނީ ޝައްމާން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. ރަޖިސްޓްރާއިން މިގޮތަށް ނިންމި ސަބަބަކީ ހައިކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުޢީ އުސޫލުތަކާ ހިލާފުވާ ކަމަށް ބުނެ އިސްތިއުނާފު ކުރެވޭނެ ނުކުތާއެއް ޝައްމާން ހުށަހަޅާފައި ނެތް ކަމަށް ބުނެއެވެ.

އެހެންނަމަވެސް ޝައްމާންގެ ފަރާތުން ރަޖިސްޓްރާގެ މި ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، ފަނޑިޔާރުން ނިންމީ އެ މައްސަލާގައި ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތައް ހުރި ކަމަށެވެ. މިގޮތުން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

ބިދޭސީ މީހެއްގެ އަތުން ބޮޑު އަދަދެއްގެ ފައިސާ ނަގައި، އޭނާ ދޫކޮށްލައިފިކަމުގެ ތުހުމަތުގައި ޝައްމާންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. މި މައްސަލައަކީ ޝައްމާން ބަންދުގައި ބެހެއްޓުމަށް ކޯޓުތަކުން ނިންމި ނިންމުމުގެ އަސާސް ކަމަށް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.