1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލޭ ސަރަޙައްދުގެ 4 ބޮޑު ޖަމާޢަތުގެ އިތުރުން 24 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި އަހަރުގެ އަޟްޙާ ޢީދަކީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ހުކުރު ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް މާލޭ ސަރަޙައްދުގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތައް ބޭއްވުމަށް ހަތަރު މައިދާނެއް ކަނޑައަޅާފައިވެއެވެ. އެގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ފުޓްބޯޅަ ދަނޑު، ހުޅުމާލޭ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ފޭސް 2 ގެ ކުރިކެޓް ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މާލޭގައި 18 މިސްކިތެއްގައި ޢީދު ނަމާދު ކުރެވޭނެއެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަޙީދު ޢަލީ، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް، މަސްޖިދު އިސްކަންދަރު، ބޮޑުގެ ވަގުތީ މިސްކިތް، ރަންމިސްކިތް، ފައިފުހޭ މިސްކިތް އަދި މާފަންނު އާ މިސްކިތް ހިމެނެއެވެ.
ވިލިމާލޭގައި ބޮޑު ޖަމާޢަތުގެ އިތުރުން މަސްޖިދުއްސަލާމްގައިވެސް ޢީދު ނަމާދު ކުރެވޭނެއެވެ. ހުޅުމާލޭގައި ދެ ބޮޑު ޖަމާޢަތުގެ އިތުރުން ފޭސް 1 ގައި ހުންނަ މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ އަދި ފޭސް 2 ގައި ހުންނަ މަސްޖިދު ޙަސަން އާދަމް، މަސްޖިދު އަބީބަކުރިނިއްޞިއްދީޤް އަދި މަސްޖިދު އަޞްދިޤާގައި ޢީދު ނަމާދު ކުރެވޭނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޖަމާޢަތްތައް ބޭއްވޭ ހަތަރު މައިދާނުގައި ނަމާދު ކުރެވޭ ގޮތް ނުވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ އެންމެހައި މިސްކިތްތަކުގައި ޢީދު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ